ދިހަ މިލިއަން ޑޮލަރަށް ވުރެ ބޮޑު އިންވެސްޓުމަންޓުތައް ކުރާ ފަރާތްތަކަށް 35 އަހަރު ދުވަހުގެ މުއްދަތަށް ފަޅުރަށްތައް ކުށްޔައް ދެވޭ ގޮތަށް ހެދުމަށްޓަކައި ފަޅުރަށްތަކާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި އިސްލާހު މިއަދު ރައްޔިތުންގެ މަޖިލީހުން ވަނީ 53 މެމްބަރުންގެ ވޯޓާއި އެކު ބަލައިގަންފަ އެވެ.

އެ އިސްލާހުގައި ވަނީ ސަރުކާރުން ފަޅެއް އެހެން ކަމެއް ކުރުމަށް ކަނޑަނާޅާހާ ހިނދަކު އެ ގާނޫނުގެ ދަށުން ކުށްޔައް ދޫކުރެވޭ ފަޅުތަކުގެ ކުލީގެ މުއްދަތު އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކަމާބެހޭ މިނިސްޓްރީން 21 އަހަރަށް ވުރެ ދިގުނޫން މުއްދަތަކަށް އިތުރު ކުރެވިދާނެ ކަމަށެވެ.

އެ އިސްލާހުގައި ވަނީ ފަޅުތައް ކުށްޔައް ދެވޭނީ ކަމާބެހޭ މިނިސްޓްރީއާ ފަޅު ކުށްޔައް ހިފާ ފަރާތާ ދެމެދުގައި ކުރެވޭ އެގްރީމެންޓެއްގެ ދަށުން ކަމަށެވެ. އެ އެގުރިމެންޓުގައި ކުށްޔައް ދެވޭ މުއްދަތާއި ކުލީގެ އަދަދަކާއި ކުލި ދައްކާނެ ގޮތް ހިމަނަންޖެހެ އެވެ. ހަމައެއާއެކު ފަޅުގައި ހިންގާނެ މަސައްކަތާއި އެ މަސައްކަތް ހިންގާނެ ގޮތުގެ އިތުރުން ކުށްޔައް ހިފާ ފަރާތުން އެގްރީމެންޓާއި ޚިލާފު ވެއްޖެ ނަމަ އަމަލުކުރާނެ ގޮތްވެސް ބަޔާންކޮށްފައި އޮންނަންޖެހެ އެވެ.

ކުށްޔައް ދީފައިވާ ފަޅެއް ކުށްޔައް ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން ރާއްޖޭގެ ދިފާއުއަށް ބޭނުންވެއްޖެ ހާލަތެއްގައި މެނުވީ މަދުވެގެން ދެ އަހަރު ދުވަހުގެ ނޯޓިސް ނުދީ އެ ފަޅެއް ކުށްޔައް ދީފައިވާ ފަރާތުން ވަކިކޮށްގެން ނުވާނެ ކަމަށެވެ.

ފަޅެއް ކުށްޔައް ދީފައިވާ ފަރާތުން އެތަން އެހެން ފަރާތަކަށް ވިއްކާލެވޭނީ އެތަނުގައި ކުރުމަށް ނިންމި މަސައްކަތެއް މިނިސްޓްރީން ގަބޫލުކުރާ ފެންވަރެއްގައި ކުރުމަށްފަހު މިނިސްޓްރީގެ ވަކި ޚާއްސަ ހުއްދައެއްގެ މަތީން ކަމަށް ވެސް އިސްލާހުގައިވެއެވެ.