01 Apr 2011, 20:21
މާލޭގައި ގެދޮރު އިމާރާތްކޮށް ނުނިމި ހުރި ފަރާތްތަކަށް ފައިސާ ދޭނެ ނިޒާމެއް ކަނޑައެޅުމަށް ހައުސިން މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާ ދެމެދު މަޝްވަރާކުރަމުންދާ ކަމަށާއި ކުރިއަށް އޮތް ހަފްތާއެއްތެރޭ އެކަމާ ބެހޭ އުސޫލުތައް އެކުލަވާލުމަށްފަހު އިއުލާންކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މާލޭގައި މީހުން ދިރުއުޅުމަށް އިމާރާތްކުރަން ފެށުމަށްފަހު، ފައިސާ ނެތިގެން އިމާރާތްކޮށް ނުނިމި ހުރި ތަންތަން ނިންމުމަށް ސަރުކާރުން ގެރެންޓީދޭ ގޮތަށް ކެބިނެޓުން ނިންމަވައިފައިވާ ނިންމެވުމާ ގުޅޭ ގޮތުން މިއަދުގެ ރޭޑިއޯ އެޑްރެސްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އިމާރާތްކުރަން ފަށައިފައިވާ 20 ޕަސަންޓު ތަންތަނުގެ މަސައްކަތް ހުއްޓިފައިވާ މައިގަނޑު ސަބަބަކީ، އެ ފަރާތްތަކަށް އިމާރާތް ފުރިހަމަ ކުރުމަށްޓަކައި ބޭނުންވާ ފައިސާ ނުލިބިގެން ކަމަށެވެ.
އަދި އެފަރާތްތަކަށް އެހީތެރިވުމަށް ސަރުކާރުން ލޯނުގެ ގެރެންޓީ ދޭ އުސޫލު އަންނަ ހަފްތާތެރޭ އިއުލާނުކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"..ކުރިޔަށް އޮތް ހަފްތާގެ ތެރޭގައި މި އުސޫލުތައް އެކުލަވާލައި ނިންމުމަށްފަހު، ގެދޮރު އިމާރާތްކޮށް ނުނިމި ހުރި ފަރާތްތަކަށް ލޯނުގެ އެހީ ފޯރުކޮށްދޭނެ ޕްރޮގްރާމް ހިންގާނެގޮތާއި ފައިސާ ދޫކުރާނެ އުޞޫލު އިއުލާން ކުރެވޭނެ،"މިއަދު ދެއްވި ރައީސްގެ 19 ވަނަ ރޭޑިއޯ ހިތާބުގައި ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، މާލޭގައި މީހުން ދިރިއުޅުމަށް އިމާރާތްކުރުމަށް 2008 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް 1500 ގޯތީގައި އިމާރާތްކުރުމުގެ ހުއްދަ ދީފައިވާއިރު އއޭގެ ތެރެއިން 47 ޕަސެންޓް ގޯތީގައި މަސައްކަތް އެއްގޮތަކަށް ވެސް ނުފެށޭ ކަމަށެވެ. އަދި 20 ޕަސަންޓު ގެއަކީ މަސައްކަތް ފަށައި، ކުރިއަށް ނުގެންދެވި ހުއްޓިފައިވާ ގޭގެ ކަމަށާއި މިހާތަނަށް ނިމިފައިވަނީ 33 ޕަސަންޓު ގޭގެ މަސައްކަތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ރޭޑިއޯ އެޑްރެސްގައި، ށ. އަތޮޅުގެ މަރުކަޒީ އިދާރާ ފުނަދޫގައި ހިންގަނީ ގާނޫނާ އެއްގޮތަށް ކަމަށް އެރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމް ކުރެއްވި މައްސަލައަށް ވެސް ބައްލަވައިލެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ، އެ ނިންމުން ބަންޑާރަ ނައިބު އޮފީހުން ދިރާސާކުރާނެ ކަމަށާއި އަދި އެއީ ނުރަނގަޅު ނިންމުމެއްކަމަށްވަންޏާ ހައިކޯޓާއި އަދި ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފްކުރައްވާނެ ކަމަށެވެ.
"މި އެންމެހާ ކޯޓުތަކުން ސަރުކާރުން ސާފުކުރަން، އޮޅުން ފިލުވާން މިބޭނުންވަނީ، ލާމަރުކަޒީ ގާނޫނާއި، ގާނޫނުއަސާސީގައ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ރަށްތަކާއި، ސަރަޙައްދުތައް ހިންގުމުގައި ކަނޑައަޅާފައި މިއޮތް އުސޫލުތައް، ކަނޑައަޅާފައި މިއޮތް މިންގަނޑުތައް ތަންފީޒުވެގެން ދާއިރުގައި އެކިއެކި ފަރާތްތަކުގެ ބާރު ވެރިކަން ހުންނަން ޖެހޭނީ ކޮންގޮތަކަށްތޯ އަޅުގަނޑުމެންނަށް އެނގުން. ޝަރީއަތުން ނިންމަވާ ފަހުގެ ހުކުމަކީ މި ގާނޫނަށްޓަކައި، މި ނިޒާމަށްޓަކައި، އަދި މިކަން ހިންގުމަށްޓަކައި، ވަރަށް ބޭނުންތެރިކަމެއް." ރައީސް ވިދާޅުވި އެވެ.
ރައީސްގެ ރޭޑިއޯ ހިތާބުގައި އޯޓިޒަމާ ބެހޭގޮތުން ހޭލުންތެރިކަން އުފެއްދުމަށް ދުނިޔޭގެ ފެންވަރުގައި މާދަމާ ފާހަގަކުރާ ދުވަހާ ބެހޭ ގޮތުން ވެސް ވާހަކަފުޅު ދެއްކެވި އެވެ. އޯޓިޒަމްއަކީ އޭގެ އަލާމާތްތައް ދެނެގަންނަން އުނދަގޫ ނުކުޅެދުންތެރި ކަމަކަށްވެފައި، އިންސާނުންގެ އުފެދުމުގައި ހުންނަ ނުވަތަ ޖެނެޓިކް އެކި ނުކުޅެދުންތެރިކަން ލުއިކޮށްދިނުމަށް މަސައްކަތް ކުރަމުންދާ މި ދުވަސްވަރު ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދޭން ޖެހިފައިވާ މުހިންމު ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
"އޯޓިޒަމްއަކީ، އެ ބަލި ހުންނަ ކުއްޖެއްގެ އިޖުތިމާއީ އަދި މުވާސަލާތީ ނުކުޅެދުންތެރިކަމެއް. އެ ބަލީގެ ސަބަބުން ވާހަކަ ދެއްކުމާއި ތިމާގެ މާހައުލާއި އެހެން މީހުންގެ އިހުސާސްތައް ދެނެގަތުމަށް ނުކުޅެދުންތެރި ކުރުވާ ބައްޔެއް،" އޯޓިޒަމާ ގުޅޭ ގޮތުން ވިދާޅުވި އެވެ. "އަދި އޭނާގެ ދިރިއުޅުމަށް މީގެ ނޭދެވޭ އަސަރުކުރޭ. އަދި އޭނާގެ އާއިލާވެސް އޭނާއާއެކު އެކަމުގެ ހިތާމައިގައި ދުވަސްތައް ހޭދަކުރަންޖެހޭ."
އޯޓިޒަމް ބަލި ހުންނަ ކުދިންގެ އާއިލާތަކުގެ ހިތާމައިގައި، ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.