ރައްޔިތުންގެ މަޖިލީހަށް ދައުލަތުން ހުށަހަޅާ ބަޖެޓު ހުށަހެޅުމާ އެކު ބަޖެޓު ބަހުސް ފެށޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މިއަދު އާއްމު ކޮމެޓީން އިސްލާހުކޮށްފި އެވެ.

ގަވާއިދުގައި މިހާރު ބުނެފައި ވަނީ ބަޖެޓް ބަހުސް ފަށަން ވާނީ މަޖިލީހަށް ބަޖެޓު ހުށަހަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހުގައި ކަމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އެހެން ބުނެފައިވާ ގަވާއިދު މިއަދު ވަނީ އުނިކޮށްފަ އެވެ.

އެހެންކަމުން މަޖިލީހަށް ފިނޭންސް މިނިސްޓަރު ވަޑައިގެން ބަޖެޓު ހުށަހަޅާ ދުވަހު ބަޖެޓު ބަހުސް ފެށޭނެ އެވެ.

މިއަދު އޮތް އާއްމު ކޮމެޓީގެ ބައްދަލުވުމުގައި އިތުރު އިސްލާހެއް ވެސް ގަވާއިދަށް ވަނީ ގެނެސްފަ އެވެ. ގަވާއިދުގައި މިހާރު ބުނެފައި ވަނީ ބަޖެޓާ ގުޅޭ ގޮތުން މައުލޫމާތު ބޭނުންވާ މެމްބަރުންނަށް އެކަމަށް ފިނޭންސް މިނިސްޓަރުގެ ކިބައިން އެދިވަޑައިގެންނެވޭނީ، ބަޖެޓް ހުށަހަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހުގައި ކަމަށެވެ.

އެހެންނަމަވެސް އާއްމު ކޮމެޓީން ގަވާއިދަށް މިއަދު ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ، ބަޖެޓުގެ ބަހުސް ކުރިއަށް ގެންދާ މުއްދަތުގެ ތެރޭގައި، ބަޖެޓާ ގުޅޭ މައުލޫމާތު ބޭނުންވާ މެމްބަރަކަށް ފިނޭންސް މިނިސްޓަރު އެ މައުލޫމާތު ދެއްވަން ވާނެ ކަމަށެވެ.

އެ ދެ އިސްލާހު މަޖިލީހުގެ ގަވާއިދަށް ގެނައުމަށް ހުށަހެޅުއްވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އެވެ.

ދައުލަތުން އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓު މަޖިލީހަށް ހުށަހެޅުމަށް މިހާރު ނިންމާފައިވާ ތާރީހު ވަނީ ފަސްކޮށްފަ އެވެ. މިހާރު މަޖިލީހަށް ބަޖެޓު ހުށަހަޅާ ތާރީހު ކަމަށް ކަނޑައަޅާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހެވެ.