ނައިޖީރިއާގެ އަސްކަރިއްޔާ އިން ބޯކޯ ހަރާމްގެ 100 މެމްބަރުންގެ ފޮޓޯ ކޮލާޖެއް ނެރެފި އެވެ.

ޕޯސްޓަރުގައިވާ ގިނަ ފޮޓޯ ތަކަކީ ބޯކޯ ހަރާމްގެ ވީޑިއޯތަކުން ނަގާފައިވާ ފޮޓޯތައް ކަމުން ގިނަ ފޮޓޯ ތަކުގައި ވާ މީހުންގެ ނަންތައް ނޭގޭ ކަމަށް އަސްކަރިއްޔާގެ ތަރުޖަމާނު ކޮލޮނެލް ސަނީ އުސްމާނު ވިދާޅުވިއެވެ.

ޕޯސްޓަރުގައިވާ މީހުންނާ ބެހޭ ގޮތުން އެއްވެސް މައުލޫމާތު އަސްކަރިއްޔާއަށް ފޯރުކޮށްދިނުމަށް ނައިޖީރިއާގެ އަސްކަރިއްޔާ އިން ވަނީ އެދިފައެވެ.

އެމީހުންގެ މައުލޫމާތު ހިއްސާ ކުރާ މީހުންނަށް އެއްވެސް އިނާޔަތެއް ދިނުމަށް ނިންމާފައިނުވާ ކަމަށް ނައިޖީރިއާގެ އަސްކަރިއްޔާގެ ޗީފް ލިއުޓެނެންޓު ޖެނެރަލް ޓުކުރު ބުރާތީ ވިދާޅުވިއެވެ.

ކޮލާޖުގެ މެދުގައި ހުރީ ބޯކޯ ހަރާމްގެ ލީޑަރު އަބޫބަކުރު ޝެކައުގެ ފޮޓޯއެކެވެ.

ފާއިތުވި ތިން އަހަރުގެ ތެރޭގައި ނައިޖީރިޔާގެ އަސްކަރިއްޔާ އިން ވަނީ ޝެކައު މަރާލިކަމަށް ތިން ފަހަރު ބުނެފައެވެ.

ނައިޖީރިއާގެ އަސްކަރިއްޔާ އިން ވަނީ 2013 ވަނަ އަހަރު ވެސް ޝެކައު ހައްޔަރުކުރުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން އޭނާ ހައްޔަރުކުރެވޭ ވަރުގެ މައުލޫމާތު ދޭ މީހަކަށް 250،000 ޑޮލަރު އެފަހަރު ހުށަހެޅިއެވެ. އަދި އެމެރިކާ އިން ވަނީ އޭނާ ހައްޔަރުކުރެވޭ ވަރުގެ މައުލޫމާތު ހިއްސާ ކުރާ މީހަކަށް 7 މިލިއަން ޑޮލަރުގެ ފައިސާގެ އިނާމެއް ދޭނެކަމަށް ބުނެފަ އެވެ.

ޝެކައު އެންމެ ފަހުން ފެނިފައިވަނީ މިދިޔަ މާޗު މަހުގައި އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ތާއިދު ކުރާކަމަށް ބުނެ ނެރުނު ވީޑިއޯ އަކުންނެވެ.

ޝެކައު ބޯކޯ ހަރާމްގެ ލީޑަރަކަށް ވެގެން ދިޔައީ ނައިޖީރިއާ ފުލުހުން ބޯކޯ ހަރާމްގެ އޭރުގެ ލީޑަރު މުހައްމަދު ޔޫސުފް އާއި އެ ޖަމާއަތުގެ 700 މީހުން މަރާލުމުން 2009 ވަނަ އަހަރުގެ ތެރޭގައެވެ. ޔޫސުފް ލީޑަރު ކަމުގައި ހުރި އިރު އޭނާ ވަނީ ނައިޖީރިއާގެ އެތައް ފުލުހުންނެއްގެ އާއިލާތައް މަރާލާފަ އެވެ.

އޭގެ ފަހުން ބޯކޯ ހަރާމް ޖަމާއަތުން ވަނީ 20،000 މީހުން މަރާލާފަ އެވެ. އޭގެ ތެރޭގައި މިސްކިތްތަކަށް ދިން ހަމަލާތަކުގައި މަރުވި މުސްލިމުންވެސް ހިމެނެ އެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބޯކޯ ހަރާމް ޖަމާއަތުން ވަނީ 300 އަންހެން ކުދިން ސްކޫލަކުން ވަގަށް ނަގާފަ އެވެ. އޭގެ ތެރެއިން 219 ކުދިން އަދިވެސް ނުފެނެ އެވެ.