ދިމޝްގު (ނޮވެމްބަރު 2): ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގާ އައިއެސް ޖަމާއަތުން އެގައުމުގެ ޙިމްސް ގަވަނޭޓަށް ރަށެއްކަމަށްވާ މުހީން ހިފައިފި އެވެ.
މުހީންއަކީ ސޫރިޔާގެ ޙިމްސް ގަވަނޭޓްގެ މެދުތެރޭގައިވާ ރަށެކެވެ. މުހީންއަށް އައިއެސްގެ ހަނގުރާމަވެރިން އެރުމުގެކުރިން އެރަށުގެ އާންމުންވަނީ ގެދޮރުދޫކޮށް އެރަށުންފާބައިފަ އެވެ. އެއީ އައިއެސްއިން ހިންގަފާނެ ބިރުވެރި ގަތްލުއާންމުތަކަކަށް ބިރުންކަމަށް އެރަށުން ފައިބައިގެންދާ މީހުން ބުނެ އެވެ. މުހީންގެ ކޮންޓްރޯލް މިހާތަނަށް އޮތީ ސޫރިޔާ ސިފައިންނަށެވެ. މުހީން އަތްދަށުލުމަށް އައިއެސްގެ ހަނގުރާމަވެރިން ފުރަތަމަ ދިނީ އަމިއްލައަށް މަރުވުމުގެ ހަމަލާތަކެއްކަމަށްވެ އެވެ. މިހަމަލާތަކަށް ފަހު ސޫރިޔާ ސިފައިންނާއި އައިއެސްގެ ހަނގުރާމަވެރިންނާ ދެމެދު އެއްގަމު މަގުން ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުންގެންދާތާ ދެދުވަސްވެފައިވެ އެވެ. މިހަމަލާތަކުގައި ދެ ފަރާތުން ވެސް މީހުން މަރުވެ އަދި ގިނައަދަދެއްގެ ބަޔަކު ޒަޚަމްވެސް ވެފައިވެ އެވެ.

އައިއެސް ޖަމާއަތުން މުހީން ހިފި ނަމަވެސް ރަޝިޔާ އިން ދެމުންގެންދާ ވައިގެ ހަމަލާތަކާއެކު އެ ރަށުގައި މާގިނަދުވަހު އައިއެސްގެ ހަނގުރާމަވެރިންނަށް ފައިހަރުކޮށްލައިގެން ނުތިބެވޭނެ ކަމަށް ތަޖްރިބާކާރުން ދެކެ އެވެ. އެ ޖަމާއަތުގެ އަތްދަށުގައިވާ އެތަށް ވިލެޖްތަކެއް ފާއިތުވި ދެހަފްތާތެރޭގައި ސޫރިޔާ ސިފައިން ވަނީ މިނިވަންކޮށް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފަ އެވެ. މުހީންއަކީ ރަޝިޔާ އިން އައިއެސްގެ އަމާޒުތަކަށް ބޮންއަޅަންފެށި ފަހުން އެޖާމާއަތަށް ކުރިޔަށްއެޅުނު ހަމައެކަނި ފިޔަވަޅުކަމަށްވެ އެވެ. މިނޫނީ އައިއެސްއަށް މިފަހަކަށް އައިސް އެޅިފައި ވަނީ މުޅިންވެސް ފަހަތަށް އަޅާ ފިޔަވަޅުތަކެވެ.

އަނެއްކޮޅުން ރަޝިޔާއިން އައިއެސްގެ އަމާޒުތަކަށް ދެމުންގެންދާ ވައިގެ ހަމަލާތަކުގައި އައިއެސްގެ ހަތިޔާރު ގުދަންތަކާއި ކޮމާންޑް ސެންޓަރުތަކުގެ އެތައް ތަނެއްބިމާހަމަވެ އެޖަމާއަތުގެ އެތައް ސަތޭކަ ހަނގުރާމަވެރިން ވަނީ މަރުވެފަ އެވެ. ރަޝިޔާ ސިފައިންގެ ހަމަލާތަކުގައި ސޫރިޔާގެ އާންމުންގެ ބައެއް މީހުން ވެސް މަރުވަމުން ދިޔަނަމަވެސް އައިއެސްގެ އަނިޔާވެރި އަމަލުތަކުގައި މަރާލެވެމުންދާ ސޫރިޔާގެ ނިކަމެތި ރައްޔިތުންގެ އަދަދު މިއަށްވުރެ މާގިނަކަމަށް އޮބްޒާވަރުން ބުނެއެވެ. މީގެއިތުރުން ސޫރިޔާ ސިފައިންގެ ހަމަލާތަކުގައިވެސް ގިނައަދަދެއްގެ އާންމުން ކޮންމެ ދުވަހަކު މަރުވަމުންދެ އެވެ. (ނޫސްއެޖެންސީތައް)