މައްޗަންގޮޅިއާއި މާފަންނުގައި އެޅުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް މިހަފުތާގައި ފަށާނެކަމަށް އެމަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް ރޯޑް ޑިވްލަޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ބުނެފިއެވެ.

އެ ދަނޑު އެޅުމުގެ މަސައްކަތް ޔޫތު މިނިސްޓްރީން އެމްއާރްޑީސީއާ ހަވާލުކޮށްފައިވަނީ މިއަރުގެ ސެމްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

ޔޫތު މިނިސްޓްރީން ކުރިން ބުނެފައި ވަނީ އެ މަސައްކަތް މިދިޔަ މަހު ފަށާނެ ކަމަށެވެ.

އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ނަޒީމް މިއަދު ސަން އަށް ވިދާޅުވީ އެ މަސައްކަތް މިހާތަނަށް ނުފެށި ލަސްވެގެން ދިޔައީ އެކަމާ ގުޅޭ އިދާރީ މަސައްކަތް ލަސްވުމުގެ ސަބަބުންނެވެ.

"މައްޗަންގޮޅިއާއި މާފަންނުގައި އެޅުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑުގެ މަސައްކަތް ނުފެށި ލަސްވެފައިވަނީ އެމަސައްކަތުގެ އިދާރީ މަސައްކަތްތައް ނުނިމި ހުރުމުން. އިރާދަ ކުރެއްވިއްޔަ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ނުވަތަ މިހަފުތާ ތެރޭގައި އެމަސައްކަތުގެ އަމަލީ މަސައްކަތް ފެށިގެންދާނެ،" ނަޒީމް ވިދާޅުވިއެވެ.

މި ދެ ދަނޑުގެ މަސައްކަތް އެމްއަރްޑީސީއާ ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއި ކުރެއްވި ދުވަހު ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަޙްމަދު ޒުހޫރު ވިދާޅުވެފައިވަނީ އެދަނޑުތައް އަޅަނީ ކުރިން އެޅި ފުޓްސަލް ދަނޑުތަކަށް ވުރެ ފެންވަރު ރަނގަޅުކޮށް ކަމަށެވެ. އެގޮތުން އެއިން ކޮންމެ ދަނޑެއް އެޅުމަށް ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާ ހޭދަވެގެންދާނެ ކަމަށް މިނިސްޓަރު ޒުހޫރު ވިދާޅުވިއެވެ.

ކުރިން ފުޓުސަލް ދަނޑުތަކުގައި އަޅާފައިވާ ޓައިލްސް ވިނައިގެ ބަދަލުގައި އެ ދެ ދަނޑުގައި އަޅާނީ ޓާފް ވިނަކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މައްޗަންގޮޅިގައި އަޅާ ދަނޑު އަޅަން ހަމަޖައްސާފައި ވަނީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ބިއްދޮށުގައި އޮންނަ 107 ނަންބަރު ކޮށީގައެވެ. އެއީ ކުރިން ޔޫތު މިނިސްޓްރީގެ ބައެއް ހިންގި ތަނެކެވެ.

މާފަންނުގައި އަޅާ ދަނޑު އަޅަން ހަމަޖެހިފައި ވަނީ އެސްޓީއޯ އާއި މަފަންނު މަދަރުސާއާ ދެމެދު އޮތް ހުސް ބިމުގައެވެ.