02 Nov 2015, 14:31
ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކުރީ ރަނގަޅަކަށް ކަމަށް ކަނޑައަޅައި ހައިކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
ހައިކޯޓުން މިއަދު އެގޮތަށް ކަނޑައަޅާފައި ވަނީ އަދީބުގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކުރީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފު ކުރި މައްސަލަ ބެލުމަށްފަހު މިއަދު އެވެ.
ހުކުމް އިއްވުމަށް ބޭއްވި އަޑުއެހުމަށް ވެސް ނޫސްވެރިންނަށް ނުވަދެވެއެވެ. ސަބަބަކީ ބަންދުގެ މުއްދަތާ ގުޅޭ މައްސަލައިގެ އަޑުއެހުންތަަކަށް ތުހުމަތު ކުރެވޭ މީހާގެ އާއިލާގެ މީހުން ފިޔަވައި އިތުރު މީހަކަށް ނުވަދެވޭނެ ކަމަށް ހައިކޯޓުން ކަނޑައަޅާފައިވާތީ އެވެ.
ރައީސުލްުޖުމްހޫރިއްޔާގެ ރިޔާސީ ލޯންޗުކޮޅުގައި ބޮންގޮއްވާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި އަދީބު ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެމަނިކުފާނު ސިންގަޕޫރުން އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވިތަނުންނެވެ.
ހޯމް މިނިސްޓަރު އަދި ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ ކޯޗެއާ އުމަރު ނަސީރު ވިދާޅުވީ ލޯންޗުކޮޅުގައި ބޮންގޮއްވާލުމާއި އަދީބާ ގުޅުންހުރި ކަމުގެ ހެކިތައް އެބަހުރި ކަމަށެވެ. ނަމަވެސް ތަހުގީގު ކުރިއަށްދާތީ އެކަމުގެ ތަފްސީލެއް އެމަނިކުފާނު ހާމައެއް ނުކުރެއެވެ.