02 Nov 2015, 13:49
ފުލުހުންގެ ތެރެއިން މަދު ބަޔަކު ކުރާ އަމަލުތަކެއްގެ ސަބަބުން ހުރިހާ ފުލުހުންނަށް އަދި މުޅި މުއައްސަސާ އަށް އެކަމުގެ ތުހުމަތު ކުރެއްވުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށް ފުލުހުން ބުނެފި އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ފުލުހުންގެ ތެރޭގައި ހުރި ރައްޔިތުންގެ އިތުބާރު ގެއްލޭފަދަ ކަންކަން ބަލައި އެކަންކަން އިސްލާހު ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ފުލުހުންގެ އެގްޒެކެޓިވް ބޯޑާއި މެނޭޖްމަންޓު ބޯޑުން ފަށާފައިވާ ކަމަށެވެ.
އެމަސައްކަތްތަކާއެކު ފުލުހުންގެ މުއައްސަސާ އާމެދު ރައްޔިތުންގެ އިތުބާރާއި ޔަގީންކަން އިތުރުވެ، ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކަންމަތީ ދަމަހައްޓާނެ މުއައްސަސާއެއްގެ ގޮތުގައި މި މުއައްސަސާ ފެނިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
"އަދި ފުލުހުންނާ ގުޅުންހުރި މައްސަލަތައް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑް މެދުވެރިކޮށް ބަލައި ފިޔަވަޅު އަޅަންޖެހޭ ފުލުހުންނަށް ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން މި ފުރުސަތުގައި ލޮބުވެތި ރައްޔިތުންނަށް ދެމެވެ. މިގޮތުން ފިޔަވަޅު އެޅުމުގައި ވަކިރޭންކެއްގެ ފުލުހެއް އިސްތިސްނާ ނުކުރާނެކަމުގެ ޔަޤީންކަންވެސް އަރުވަމެވެ،" ފުލުހުންގެ ބަޔާނުގައި ވެއެވެ.
ރިޔާސީ ލޯންޗް ކޮޅުގައި 2015 ސެޕްޓެމްބަރު 28 ވަނަ ދުވަހު ހިނގި ނުރައްކާތެރި ހާދިސާގެ ތަހުގީގު ފެށިގެން ކުރިޔަށްދާއިރު އެ ތަހުގީގުގާއި އަދި އެއާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ އެހެނިހެން މައްސަލަތަކާ ގުޅިގެން ފުލުހުންގެ ޚިދުމަތުގައި ތިބި ބައެއް ފުލުހުންގެ ފަރާތުން ރައްޔިތުންގެ އިތުބާރާ ޔަގީންކަން ގެއްލޭފަދަ ކަންކަން ހިނގާފައި ހުރިކަން ހާމަވެގެން ގޮސްފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ފުލުހުންގެ ޚިދުމަތުގެ އިތުބާރާ ޔަގީންކަން ދެމެހެއްޓުމަށްޓަކައި ފުލުހުންގެ މުއައްސަސާގެ ހިންގުމަށް ރައީސުލް ޖުމުހޫރިއްޔާ ދާދިފަހުން ގެންނެވި ބަދަލުތަކާއެކު ފުލުހުންގެ މުއައްސަސާގެ މަސައްކަތުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންގެ އިތުބާރާ ޔަގީންކަން ލިބިގެންވާ މުއައްސަސާއެއްގެ ގޮތުގައި މަސައްކަތްތަކެއް ކުރުން ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.