ގައުމަށް މިއަދު ދިމާވެފައިމިވާ ނުރައްކާތެރި ހާލަތު ފެށުނީ ރައްޔިތުންނަށް ތެދުވެރިކަމެއްނެތް ސަރުކާރެއް އިންތިހާބު ކުރެވުމުގެ ސަބަބުން ކަމަށް އިދިކޮޅު ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.

ގައުމީ ޕާޓީއާ ގުޅިގެން ތަސްމީން ފެކްޝަނުން ކަލާފާނު ސްކޫލްގައި މިރޭ ބޭއްވި ޖަލްސާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ތަސްމީން ވިދާޅުވީ، ރައްޔިތުންނަށް ބިރުވެރި ހާލަތުގައި ތިބެންޖެހިފައި މިވާ އެންމެ ބޮޑު މައްސަލައަކީ، ކަންތައްތައް ހަމަމަގަށް އަޅުވަން ގާއިމްކޮށްފައިވާ މުއައްސަސާތަކާއި އޮފީސްތަކާ ދޭތެރޭ ސަރުކާރުން އިހުމާލްވެފައިވުން ކަމަށެވެ.

"ކަމާބެހޭ މުއައްސަސާތަކާމެދު ސަރުކާރުން ވަނީ އިހްމާލުވެފައި. އެތަންތަނުގައި ސިޔާސީ ކުލަވަރު ޖައްސައި އެތަންތަން ބަލިކަށި ކުރަމުންދާތީ. ސިޔާސީ ބޭނުމަށްޓަކައި އެފަދަ ތަންތަނުން މީހުން ވަކި ކުރުމުގެ ސަބަބުން ފެންވަރު ދަށްވަނީ. ސިޔާސީ ބޭނުމަށް ބަންދުގައި ތިބޭ މީހުން ދޫކުރަމުން ގެންދަނީ،" ތަސްމީން ވިދާޅުވި އެވެ.

ތަސްމީނު ވިދާޅުވީ، ގައުމުގެ އަމަން އަމާންކަމުގެ ހާލަތު ދަށަށް ގޮސްފައި ވުމުގެ ޒިންމާ ނަގަން ޖެހޭނީ ސަރުކާރުން ކަމަށެވެ. އަދި މިފަދަ ހާލަތެއްގައި، އެންމެ މުހިއްމު ދައުރެއް އަދާކުރަންޖެހޭ އެއްބަޔަކީ ދިވެހި ފުލުހުން ކަމަށާއި، މިއީ ފުލުހުން އާ ހިތްވަރަކާއި ސާބިތުކަމާއެކު މަސައްކަތްކުރަންޖެހޭ ވަގުތުކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ފުލުހުންގެ ތެރޭގައި ވެސް ސިޔާސީ ކުލަވަރު ޖައްސައި، ސަރުކާރުން ފުލުހުންނަށް ދަތިކުރަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ގޭންގް ކުށްތައް ހުއްޓުވުމަށްޓަކައި ފުލުހުންނަށް "ލެސް ލީތަލް" ހަތިޔާރު ބޭނުންކުރުމުގެ ހުއްދަ ދެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ނިންމުމަށް ފާޑު ވިދާޅުވަމުން ތަސްމީން ވިދާޅުވީ، އެކަމަކީ، ޝޯއެއް ކުޅެލުމުގެގޮތުން ސަރުކާރުން ކުރި ކަމެއް ކަމަށެވެ.

"ފުލުހުންގެ ގާނޫނުން އެމީހުންނަށް ބޭނުންވާ ހުރިހާ ހަތިޔާރެއް ހޯދުމުގެ ފުރިހަމަ ހައްގު ފުލުހުންނަށް ވަނީ ދީފައި. އެހެންކަމުން ކެބިނެޓުން އެ ނިންމީ މާނައެއްނެތް ކަމެއް. ހަތިޔާރު ގެންގުޅުމުގެ ގަވާއިދުގައި ވެސް ލެސް ލީތަލް ހަތިޔާރު ގެންގުޅުމުގެ ބާރާއި އިހްތިޔާރު ފުލުހުންނަށް ލިބިދޭ. އެހެންވީމަ އެކަމަކީ މާބޮޑު ކަމެއް ކޮށްލިކަން ދައްކާލުމުގެ ގޮތުން ހަމައެކަނި ކުޅެލި ޝޯއެއް" ތަސްމީނު ވިދާޅުވި އެވެ.

ތަސްމީނު ވިދާޅުވީ ހުރިހާކަމެއްގައި ވެސް ސަރުކާރުން ގެންގުޅެނީ އެއް ސިޔާސަތެއް ކަމަށެވެ. އަދި އެއީ ރައްޔިތުންނަށް އޮޅުވާލުމާއި އިހްލާސްތެރިކަމެއްނެތް ސިޔާސަތުތަކެއް ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
ތަސްމީނު ފެކްޝަނުން ޖަލްސާއެއް ބޭއްވީ، އެ ޖަލްސާއަށް ނުދިއުމަށް މައުމޫނު ފެކްޝަނުން ޕާޓީގެ މެންބަރުންނަށް ވަނީ ގޮވައިލައިފައި ވަނިކޮށެވެ. ތަސްމީން ފެކްޝަންގެ ޖަލްސާ ފެށުމުގެ ކުރިން، ޖަލްސާ ކެންސަލްވެއްޖެ ކަމަށް މާލެ ތެރޭގައި ގޮވަމުން ބަޔަކު ޕިކަޕެއްގައި ވަނީ ދުއްވާފަ އެވެ.

ދެ ޕާޓީ އެކުވެގެން ބޭއްވި ޖަލްސާއެއް ނަމަވެސް މިރޭގެ ޖަލްސާގައި މީހުން މަދުކަން ފާހަގަ ކުރެވުނެވެ. އަދި ޖަލްސާއަށް ދިޔަ މީހުން މަދުކަމުން ޖަލްސާ ފަށާފައި ވަނީ ވެސް 9:30އަށްވުރެ ފަހުންނެވެ. ޖަލްސާއަށްދިޔަ މީހުންގެ މަދުކަމުން ގިނަ ބަޔަކު ދާނެކަމަށް ބަލައިގެން އަތުރާފައިހުރި ގޮނޑިތަކުގެ ތެރެއިން ގިނަ ގޮނޑިތައް ވެސް ފަހުން ނެގީ އެވެ.

މި ޖަލްސާގައި ގައުމީ ޕާޓީގެ ރައީސް ޑރ.ހަސަން ސައީދު ވާހަކަފުޅު ދައްކަވަން ފެއްޓެވުމުން، ޑީއާރްޕީ ބައިބައި ނުކުރުމަށާއި، ޑރ. ހަސަން ސްޓޭޖުން ފާބައި ވަޑައިގަތުމަށް ޖަލްސާގެ ބައިވެރިއަކު ވަނީ އަޑު ހަރުކޮށް ގޮވާފަ އެވެ. އެކަމުގެ ސަބަބުން ޖަލްސާ ބަލަހައްޓަންތިބި މީހުންގެ ތެރޭން ބަޔަކު އެހެންގޮވި މީހާ ކައިރިއަށް ގޮސް އެގޮތަށް އަމަލު ނުކުރުމަށް އިންޒާރު ވެސް ދިނެވެ. އަދި ޖަލްސާ ނިމުމަށްފަހު ކަލާފާނު ސްކޫލުން އޭނާ ބޭރަށް ނުކުތް ވަގުތު ވެސް ދެވަނަ ފަހަރަށް އެފަދަ ކަމެއް ނުކުރުމަށް ބުނެ އެތައް ބަޔަކު އޭނާއަށް އިންޒާރު ދިނެވެ.

މި ޖަލްސާގައި، ޑީއާރުޕީގެ ޑިޕިއުޓީ ލީޑަރުން ކަމުގައިވާ އަލީ ވަހީދާއި އިބްރާހިމް ޝަރީފު ވެސް ވާހަކަ ދެއްކެވި އެވެ.