'ކާގޯ އޮންލައިން" ގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮންލައިންކޮށް މުދާ އިންޝުއަރަންސް ކުރެވޭ ޚިދުމަތެއް އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އިން ތައާރަފްކޮށްފި އެވެ.

މިހާރު ކުރިއަށްދާ ފައިނޭންޝަލް އެކްސްޕޯގައި އެލައިޑްގެ ކާގޯ އޮންލައިން ޕޯޓަލް އިފްތިތާހުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލެވެ.

އެލައިޑުން ބުނީ ކާގޯ އޮންލައިން ބޭނުންކުރާ ފަރާތްތަކަށް، ބޭނުންވާ ކޮންމެ ވަގުތަކު ކޮންމެ ތަނަކުން ފަސޭހަކަމާއެކު ލިބޭ އެ ޚިދުމަތުގެ ސަބަބުން، އަގުބޮޑު މުދަލުގެ ރައްކާތެރިކަން ޔަގީންވެ، ޚިދުމަތް ބޭނުންކުރާ ފަރާތްތަކަށް ބަދަލު ލިބުމުގެ ޔަގީންކަން ލިއްބައިދޭ ކަމަށެވެ.

އެކުންފުނިން ބުނީ ވައިގެމަގުންނާއި ކަނޑުމަގުން އަދި އަތޮޅުތަކަށް މުދާ ފޮނުވުމާއި ގެނައުމުގައި ލިބިދާނެ ގެއްލުމަކަށް ދުރާލާ ތައްޔާރުވުމަށް އެލައިޑް ކާގޯ އޮންލައިން އިންޝުއަރަންސް ޚިދުމަތް މިހާރު ހުޅުވާލާފައިވާއިރު، އޭގައި މައިގަނޑު ދެ ބާވަތެއްގެ ކަސްޓަމަރުން ހިމެނޭ ކަމަށެވެ. އެއީ ކްރެޑިޓް ކަސްޓަމަރުންނާއި ޑިޕޮސިޓް ކަސްޓަމަރުންނެވެ.

ކްރެޑިޓް ކަސްޓަމަރުން:

ކްރެޑިޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ގަވާއިދުން މެދުކެނޑުމެއްނެތި މިހާރުވެސް ކާގޯ އިންޝުއަރަންސްގެ ޚިދުމަތް ހޯދަމުން އަންނަ ކަސްޓަމަރުން ނެވެ.

ޑިޕޮސިޓް ކަސްޓަމަރުން:

އަލަށް ޚިދުމަތް ހޯދާ ފަރާތްތަކުން އެލައިޑްގެ ޕާޓްނަރެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށްފަހު ޑިޕޮސިޓް ފައިސާ ދެއްކުމުން އެ ދެއްކި ފައިސާގެ އަދަދު ހަމަވަންދެން އިންޝުއަރަންސް ހިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކާގޯ އޮންލައިން ޚިދުމަތް ބޭނުންކުރުމަށް އެލައިޑްގެ ކަސްޓަމާ ސާވިސް ފްރަންޓް އޮފީހަށް ގޮސް ޕާޓްނަރެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ޖެހެއެވެ. ރަޖިސްޓްރީ މަރުހަލާ ފުރިހަމަ ކުރުމުން ކޮންމެ ފަރާތަކަށް ވެސް ވަކި ޔޫސާ އައިޑީއަކާއި ޕާސްވޮޑެއް އެ ފަރާތުން ފޯރުކޮށްދޭނެ އެވެ.