ސްވިސް އިންޑޯސް ޓެނިސް މުބާރާތުގައި ސްޕެއިންގެ ރަފައެލް ނަޑާލް ބަލިކޮށް ރޮޖާ ފެޑެރާ ޗެމްޕިއަންކަން ހޯދައިފި އެވެ.

މީގެ ކުރިން ކުޅުނު ފަސް މެޗުން ފެޑެރާ، ނަޑާލް އަތުން ބަލިވެފައިވާ އިރު ރޭގެ ފައިނަލުން ފެޑެރާ މޮޅުވީ 6-3 5-7 6-3 އިންނެވެ. މިއީ މި މުބާރާތުގައި މިދެ ކުޅުންތެރިން ބައްދަލުކުރި ފުރަތަމަ ފަހަރެވެ.

ރޭގެ މެޗުން ނަޑާލް ބަލިވި ނަމަވެސް ފެޑެރާއާ ދެކޮޅަށް ކުޅެ މޮޅުވުމުގެ ރެކޯޑް އޮތީ އޭނާ އަތުގަ އެވެ. ފެޑެރާގެ މައްޗަށް ނަޑާލް ވަނީ 23 ފަހަރު ކުރިހޯދައިފަ އެވެ. ފެޑެރާ އަށް މޮޅުވެވުނީ 11 ފަހަރު އެވެ.

އެންމެ ފަހުން މި ދެ ކުޅުންތެރިން ބައްދަލުކުރީ މިދިޔަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުގަ އެވެ. އެ މެޗުން މޮޅުވީ ނަޑާލް އެވެ.

ސްވިސް އިންޑޯސް އަކީ ފެޑެރާގެ ޓެނިސް ކެރިއަރުގައި ކާމިޔާބުކުރި 88 ވަނަ މުބާރާތެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން 17 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބް ކޮށްފައިވާ އުމުރުން 33 އަހަރުގެ ފެޑެރާ ބުނީ މި ވަގުތު ކޮޅަކީ ވަރަށް ވެސް އުފާވެރި ހާއްސަ ވަގުތުކޮޅެއް ކަމަށާއި އެ މޮޅަކީ ބަސެލްގައި އޭނާ އަށް ލިބުނު އެންމެ ރަނގަޅު މޮޅު ކަމަށެވެ.

އެ މެޗުން ބަލިވި ނަޑާލް ބުނީ ވާދަވެރި ކުޅުމަކަށް ފަހު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއެއް އަތުން ބަލިވިމެޗަކީ ވަރަށް ވެސް އުނދަގޫ މެޗެއް ކަމަށާއި ޗެމްޕިއަންކަން ހޯދި ފެޑެރާ އަށް މަރުހަބާ ކިޔާ ކަމަށެވެ.