02 Nov 2015, 13:08
އަލަށް ތައާރަފުކުރި ނޫޓް ސީރީޒްގެ 500 ގެ ނޫޓްގައި "ފައްސަތޭކަ" ޖެހީ ޖަހަން ބޭނުންވެގެން ކަމަށާއި އެއީ އިހުމާލެއް ނޫން ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް ވިދާޅުވެއްޖެ އެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ފައިނޭންޝަލް އެކްސްޕޯގެ ތެރެއިން މީޑިއާއަށް މައުލޫމާތު ހިއްސާކުރައްވަމުން އަޒީމާ ވިދާޅުވީ، ކޮންމެ ކަމެއްގައި ވެސް އެކި ފަރާތްތަކުން އެކި ހިޔާލުތައް ހުށަހަޅާ، ނޫޓްތައް ތައާރަފްކުރުމުގައި ބެލީ އެންމެ ފަސޭހައިން ދިވެހިންނަށް ބަލައިގަނެވޭނެ ނޫޓްތަކެއް ތައާރަފް ކުރުމަށް ކަމަށެވެ.
ދިވެހި ބަހުގެ ބަސްފޮތުގައި ވެސް "ފައްސަތޭކަ" އިންނަ ކަމަށާއި ދިވެހިން ކިޔައި އުޅެނީ ވެސް "ފައްސަތޭކަ" ކަމަށް އަޒީމާ ވިދާޅުވި އެވެ.
"އެހެންވީމާ އެއީ ކުށެއް ނޫން. އަޅުގަނޑުމެންނަށް އެނގި ހުރެ، އެގޮތަށް އަޅުގަނޑުމެން ބޭނުންވާތީ ފައްސަތޭކަ އެގޮތަށް ޖަހާފައި އެއިނީ،" ގަވަރުނަރު އަޒީމާ ވިދާޅުވި އެވެ.
އެ ނޫޓުގައި "ގަވަރުނަރު" ޖަހާފައި ވާތީ އެކަމާ ގުޅޭ ގޮތުން އަޒީމާ ވިދާޅުވީ ކުރީގެ ބަސްފޮތްތަކުގައި "ގަވާނާ"ގެ ބަދަލަށް ބޭނުންކޮށްފައި ވަނީ "ގަވަރުނަރު" ކަމަށާއި ކުރީގެ "ރީތި ބަހެއް" ދިރުވައި އާލާކުރަން އެންމެ ރަނގަޅު ވަސީލަތަކީ ނޫޓްތަކެއްގައި ކަން ގަބޫލުކުރެވޭ ކަމަށެވެ.
އަޒީމާ ވިދާޅުވީ، ނޫޓްގައި އޮތް ސުކުނަކަށް ބަހުސް ކުރުމުގެ ބަދަލުގައި މުހިންމީ އޭގައި ހުރި އެހެން ކަންކަމަށް ވިސްނުން ކަމަށެވެ. އެގޮތުން ސަލާމަތީ ކަންކަން ކުރީގެ ނޫޓްތަކަށް ވުރެ އެތައް ގޮތަކުން މި ނޫޓްތަކުގައި ވަރުގަދަކޮށްފައިވާ ކަން އަޒީމާ ފާހަގަކުރެއްވި އެވެ.