02 Nov 2015, 11:59
މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހުގެ ރޭ ދަންވަރު އައިޖީއެމްއެޗްގެ އިމަޖެންސީ ގޭޓު ކައިރިން ވަޅިން ހަމަލާދީ މާލޭ ދަފްތަރު ނޫރު އާދަމް ހަސަންފުޅު މަރާލި ކުއްޖާ މެރުމަށް ޖުވެނައިލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
ނޫރު މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ދައުވާ އުފުލި ކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވެސް ވަނީ މިއަދު ހުކުމް ކޮށްފައެވެ.
ޖުވެނައިލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ލިބުނު ކުއްޖާ ނޫރުގެ ވާތްފަރާތު އަރިކައްޓަށް ވަޅިހެރިތަން ފެނުނު ކަމަށް ހަތަރު މީހަކު ޝަރީއަތުގެ މަޖިލީހުގައި ހެކިބަސްދީފައިވާ ކަމަށެވެ.
ނޫރުގެ މަރުސާބިތުކުރި ލިޔުމާއި ޑެތްސަމަރީއަށް ބެލިއިރު، އޭނާ މަރުވާން ދިމާވި ސަބަބަކީ އޭނާގެ ވާތްފަރާތު އަރިކަށްޓަށް ތޫނުއެއްޗަކުން ލިބުނު ޒަޚަމުގެ ސަބަބުން ހަށިގަނޑުގެ މައިނާރެއް ފޫއަޅުވާލައި ލޭމަނާނުވެ ގިނައަދަދަކަށް ހަށިގަނޑުން ލޭ ބޭރުވެ ހަށިގަނޑުގައި ލޭ ދައުރުވުން ހުއްޓި އަދި ފުއްޕާމެއަށް ލޭއެޅި ޝޮކަކަށް ގޮސްގެން ނޭވާލާން އުނދަގޫވެ ނޭވާ ހުއްޓިގެންކަން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
އެ ހުކުމްގައި ވަނީ ދައުވާ ލިބުނު ދެވަނަ ކުއްޖާ ނޫރަށް ހަމަލާދިނުމުގެ ގޮތުން އެއްވެސް ކަމެއްކޮށްފައިވާކަން ނުވަތަ ކުށްކުރި ފަރާތް ފޮރުވުމުގެ ގޮތުން އަދި އެނޫންވެސް ގޮތަކުން އެކަމުގައި ބައިވެރިވެފައިވާކަން އެއްވެސް މީހެއްގެ ހެކިބަހުން އެނގެން ނެތް ކަމަށެވެ.
އެހެންކަމުން އެކުއްޖާގެ މައްޗަށް ކުރި ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުނުވާ ކަމަށް ވަނީ ކަނޑައަޅާފައެވެ.
ނޫރު މަރާލުމުގައި ބައިވެރިވުމުގެ ތުހުމަތުގައި އިތުރު ދެ މީހެއްގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ. ނަމަވެސް އެ މައްސަލައިގެ ޝަރީއަތް އަދި ނުނިމެއެވެ.