ނައިބު ރައީސް އަހުމަދު އަދީބުގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަށް ޖަވާބު ދާރީވުމަށް 30 މިނިޓް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފި އެވެ.

މިއަދު ބޭއްވި އާންމު ކޮމިޓީގައި އެގޮތަށް ފާސްކުރީ ހުރިހާ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ނައިބު ރައީސް އަދީބު މަޖިލީހުގެ ޖަވާބުދާރީ ވުމަށް އޮންނަ ބަހުސަށް ކަނޑައަޅާފައިވާ ޖުމުލަ ވަގުތަކީ ދެގަޑިއިރެވެ. އެ ދެގަޑިއިރުގެ ތެރޭގައި ނައިބު ރައީސަށް 30 މިނެޓު ލިބެނީ ތިން ބަޔަކަށް ބަހާލައިގެން ނެވެ. އެއީ ބަހުސް ފެށުމުގެ ގޮތުން 10 މިނެޓު އަދި ބަހުސްގެ މެދުތެރެއިން 10 މިނެޓުގެ އިތުރުން ފަހު ބަސް ވިދާޅުވުމަށް 10 މިނެޓެވެ.

ނާއިބު ރައީސް އަހުމަދު އަދީބް -- ސަން ފައިލް ފޮޓޯ

ނާއިބު ރައީސް އަހުމަދު އަދީބުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާފައި ވަނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އެވެ. އެ މައްސަލަ ހުށަހެޅީ، 50 މެމްބަރުނަށް ވުރެ ގިނަ މެންބަރުންގެ ސޮޔާ އެކު އެވެ. އޭގެތެރޭގައި ޖުމްހޫރީ ޕާޓީ ވެސް ހިމެނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ނޫނީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މަގާމުން ވަކި ކުރަން މަޖިލީހަށް ގަރާރެއް ހުށަހެޅޭނީ، ގާނޫނު އަސާސީގެ 100 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުން މެންބަރުންގެ ތިން ބައިކުޅަ އެއްބައި މެމްބަރުންގެ ސޮޔާ އެކު ސަބަބު ބަޔާންކޮށެވެ.

ގާނޫނު އަސާސީގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މަގާމުން ވަކިކުރަން ހުށަހަޅާ ގަރާރުގައި ބަޔާންކޮށްފައިވާ މައްސަލަ ތަހުގީގުކޮށް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކާ އެ މައްސަލަ މަތިކުރެވިދާނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މަގާމުން ވަކިި ކުރުމުގެ ބަހުސު މަޖިލީހުގައި ފެށުމުގެ 14 ދުވަސް ކުރިން ނާއިބު ރައީސް އަށް އެކަން އަންގަން ޖެހެ އެވެ. އަދި އެ ބަހުސުގައި އަނގަބަހުންނާއި ލިޔުމުން ވެސް ނާއިބު ރައީސް އަށް ޖަވާބުދާރީ ވުމުގެ ހައްގު ލިބޭ ކަމަށް ވެސް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވެ އެވެ. އަދި ގާނޫނީ ވަކީލުން ބޭނުން ކުރުމުގެ ހައްގު ވެސް ލިބިގެންވެ އެވެ.

ނާއިބު ރައީސްގެ އިތުބާރު ނެތް ކަމަށް ނަގާ ވޯޓުގައި 85 މެންބަރުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި ވޯޓު ނާއިބު ރައީސް މަގާމުން ދުރުކުރުމަށް ލިބެން ޖެހެ އެވެ. އެއީ 57 މެންބަރުންގެ ވޯޓެވެ.