02 Nov 2015, 11:40
ސަޢުދީ ޢަރަބިއްޔާއާ ރާއްޖޭގައި އިސްލާމްދީނުގެ މެދު މިނަށް އަމަލުކުރުން އޮތް ގޮތް ބަޔާންކޮށްދިނުމަށް ބާއްވާ ފޯރަމް މިއަދު ފަށައިފި އެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމްގައި މިއަދު ކުރިއަށްދާ އެ ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަޙުމަދު ޒިޔާދު ބާޤިރާއި ހޯމް މިނިސްޓަރު އުމަރު ނަސީރާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި އެންވަޔަރްމެންޓް މިނިސްޓަރު ޡާރިޤު އިބުރާހީމާއި ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ސަޢުދީ ޢަރަބިއްޔާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި މަދީނާ އިސްލާމިކް ޔުނިވާސިޓީގެ ރައީސާއި އެ ޔުނިވަސިޓީގެ އެހެން ބައެއް އިސްވެރިން ވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ. ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަން ކުރިން ހަމަ ޖެހިފައި އޮތީ ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ކަމަށް ވިޔަސް ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާން ހޯމް މިނިސްޓަރު އުމަރު ނަސީރާއި ބައިވެރިވެވަޑައިގެންނެވި އެހެން މިނިސްޓަރުންނަށް މަދީނާ އިސްލާމިކް ޔުނިވަސިޓީ އިން ޝަރަފްގެ ވެދުމެއް ހަދިޔާ ކުރި އެވެ. އެ ވެދުން މިނިސްޓަރުންނަށް ދެއްވީ މަދީނާ ޔުނިވަސިޓީގެ ރައީސް ޕްރޮފެސަރް ޢަބުދުއް ރަޙުމާން ބިން ޢަބުދުﷲ އައް ސަނަދު އެވެ.

މަދީނާ ޔުނިވާސިޓީގެ ފަރާތުން ހެލްތު މިނިސްޓަރު އިރުތިޝާމްއާދަމްއަށް އަށް ވެދުމެއް ދެއްވަނީ. ސަން ފޮޓޯ: ޔޫސުފް ޞަފްވާން
އިސްލާމިކް މިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްކޮންފަރެންސެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަޙުމަދު ޒިޔާދު ބާޤިރު ވިދާޅުވީ އެ ކޮންފަރެންސް ބާއްވަނީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބުދުލް ޢަޒީޒް އަލް ސަޢުދު އިސްކަން ދެއްވައިގެން މަދީނާގެ އިސްލާމިކް ޔުނިވަސިޓީ އާއި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ ގުޅިގެން ކަމަށެވެ.
ފޯރަން އިސްތިހާރު ކުރުމަށް އިސްލާމީ މަރުކަޒުގެ ބޭރުގައި ދަމާފައިވާ ފޮތިގަނޑެއް.
"...ކީރިތި ޤުރުއާނާ ކީރިތި ރަސޫލާގެ ސުންނަތުގައި މެދު މިންވަރު، ސަޢުދީ ޢަރަބިއްޔާއާއި ދިވެހި ރާއްޖޭގައި އެކަމަށް އަމަލުކުރުން އޮތް ގޮތް ބަޔާންކޮށްދިނުމަށް ބާއްވާ ކޮންފަރެންސެއް މި ކޮންފަރެންސަކީ،" ޑރ. ޒިޔާދު ބާޤިރު ވިދާޅުވި އެވެ.