ޓޯކިޔޯ : ބިންހެލުމާއި ސުނާމީގެ ސަބަބުން ހަލާކުވެފައިވާ ޖަޕާނުގެ ފުކުޝީމާ ނިއުކްލިޔަރ އެކުވެނި ރޫޅާލުމަށް އެޤައުމުގެ ބޮޑުވަޒީރު ނާވްތޫ ކާން ގޮވާލައްވައިފިއެވެ. ކާން ވިދާޅުވީ ހަލާކުވެފައިވާ ފުކުޝީމާ ނިއުކްލިޔަރ އެކުވެނީގެ ހުރިހާ ރިއެކްޓަރ ތައް ރޫޅާލަންޖެހިފައިވާ ކަމަށާއި އެރިއެކްޓަރތައް އަލުންމަރާމާތު ކުރުމުގެ އުންމީދުގެއްލިފައިވާ ކަމުގައެވެ.

ފުކުޝީމާ އެކުވެނީގެ ރިއެކްޓަރތައް ހިންގާ ޓޯކިޔޯ އިލެކްޓްރިކް ކުންފުނިން ބުނީ ފުކުޝީމާ އެކުވެނީގެ ހަ ރިއެކްޓަރ ގެ ތެރެއިން ހަލާކުވެފައިވާ ހަތަރު ރިއެކްޓަރ ރޫޅާލުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި އަނެއް ދެ ރިއެކްޓަރވެސް ބަންދުކޮށްފައިވާ ކަމުގައެވެ.

އަނެއްކޮޅުން ފުކުޝީމާ ރިއެކްޓަރތައް ހުންނަ ސަރަޙައްދުގައި ރޭޑިޔޯ އެކްޓިވް އަޔޮޑިން ގެ މިންވަރު 4385 ގުނައަށް މަތިކަމަށް ޖަޕާނުގެ ނިއުކްލިޔަރ ސަލާމަތާބެހޭ އެޖެންސީން ބުނެއެވެ. އަދި މިސަހައްދުގެ ކަނޑަށްވެސް ރޭޑިޔޯއެކްޓިވް ފެން ލީކުވެފައިވުމުން ކަނޑުގެ ލޮނުގަނޑުގައިވެސް ރޭޑިއޭޝަންގެ އަސަރު ވަރަށް މަތިކަމަށް ވެސް މިއެޖެންސީން ބުނެއެވެ.

ޖަޕާނަށް ކުރިމަތިވެފައިވާ ނިއުކްލިޔަރ ރޭޑިއޭޝަންގެ މައްސަލަ ޙައްލުކުރުމުގައި އެހީތެރިވެ ދިނުމަށްޓަކައި ޖަޕާނުގެ އެދުމުގެ މަތިން އެމެރިކާގެންދަނީ ނިއުކްލިޔަރ ތަޖްރިބާކާރުންގެ 140 މީހަކު ޖަޕާނަށް ފޮނުވުމަށް ތައްޔާރުވަމުން ކަމަށް ޚަބަރުލިބެއެވެ.

ރޭޑިއޭޝަންގެ މައްސަލަ ހައްލު ނުކުރެވުމުގެ ސަބަބުން ޖަޕާނުގެ ރައްޔިތުން އެމީހުންގެ ސިއްހަތާއިމެދު ކަންބޮޑުވެ މާޔޫސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. -- ބީބީސީ