ރަންދިހަ ފަހެއްގެ ނޫޓް ސީރީޒު ރޭ ތައާރަފްކުރި އިރު މިހާރު އެންމެ ބޮޑު ބަހުސެއް އުފެދިފައި މިވަނީ އެ ނޫޓުތަކުގެ ތެރެއިން 500 ރުފިޔާގެ ނޫޓްގައި ދިވެހިން ލިޔެފައިވާ ލިޔުމާ ގުޅޭ ގޮތުންނެވެ. މިހާރު ބޭނުންކުރާ ނޫޓުގައި "ފަސްސަތޭކަ" ލިޔެފައިވާ އިރު ރޭ އަލަށް ތައާރަފްކުރި ނޫޓުގައި ލިޔެފައި ވަނީ "ފައްސަތޭކަ" އެވެ. "ސ" ސުކުނުގެ ބަދަލުގައި އާ ނޫޓުގައި ބޭނުންކޮށްފައިވަނީ "އ" ސުކުނެވެ.

އެބަދަލާ ގުޅޭ ގޮތުން މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވީ 500 ރުފިޔާގެ ނޫޓުގައި އަލިފު ސުކުން ލިޔެފައި ވަނީ ކުށަކުން ނޫން ކަމަށާއި އެގޮތަށް ބޭނުންކޮށްފައި ވަނީ އެއީ އާންމުކޮށް ކިޔާ ގޮތް ކަމަށް ވުމުން ކަމަށެވެ.

ގަވަރުނަރު އަޒީމާގެ ވާހަކަތަކަށް ދިވެހި ބަހުގެ އިލްމުވެރިންގެ ހިޔާލު މުޅިން ތަފާތެވެ.

އަދަބީ ދާއިރާގެ ހަރަކާތްތެރިވާ އާދަމް ނަސީރު އިބްރާހިމް ވިދާޅުވި ގޮތުގައި ގަވައިދު އޮތް ގޮތަށް ބަލާ އިރު 500 ދިވެހިން ލިޔާ އިރު އޮންނާނީ "ސ"، ސުކުނެއް ކަމަށެވެ. ދިވެހި ބަހުގައި ޝާއިއު ކުރެވިފައި ހުރި ހުރިހާ ގަވައިދެއްގައި 500 ލިޔާ އިރު އަލިފު ބޭނުންކުރާ އުސޫލާ އެމްއެމްއޭ އިން ބުނާ ވާހަކަ ހިލާފު ކަމަށް އާދަމް ވިދާޅުވި އެވެ.

ރަން ދިހަފަހެއްގެ ނޫޓު ސީރީޒްގައި ހިމެނޭ 500 ރުފިޔާގެ ނަމޫނާ -- ފޮޓޯ: އެމްއެމްއޭ

"500 ލިޔާއިރު ލިޔާނީ "ސ"، ސުކުނޭ، އެއީ ދިވެހި ބަހުގައި މިހާތަނަށް ޗާޕްކުރެވިފައި ހުރި ގަވައިދު ބުނާގޮތް، އެގަވައިދު އެހެން ބުނަނީ 500 އަކީ އަދަދެއްގެ ފަސް ގުނަ ކަމަށް ވުމުން، ފަސް ރުފިޔާ ބުނާ އިރު އެބަ އިނގޭ ދެއްތޯ "ސ"، ސުކުނެއްކަން އެތާގައި އޮންނަނީ، ދެން އެ ސަތޭކައަށް މިބަދަލުވަނީ، ބަދަލުވާ އިރު އޭގެ އަސްލަކީ ހަމަ ފަސް ސަތޭކަ." އާދަމް ނަސީރު ވިދާޅުވި އެވެ.

ދިވެހި ބަހުގެ އިލްމުވެރިއެއްކަމަށްވާ އިޔާޒު ނަސީމު ވެސް ވިދާޅުވާ ގޮތުގައި 500 ދިވެހިން ލިޔާއިރު އޮންނަންޖެހޭނީ "ސ" ސުކުނެކެވެ.

"ރުކެއް ޖަހާއިރު އަލިފު ސުކުން ޖަހާފަދައިން އެކަހެރި ކުރާއިރު .. ޖަހަން ވާނީ އަލިފު ސުކުން، ފަހެއް ކިޔޭ ނަމަ ސީނު ސުކުނެއް." އިޔާޒު ވިދާޅުވި އެވެ.

އެމްއެމްއޭ އިން ބުނާ ގޮތުގައި "ސ" ސުކުނުގެ ބަދަލުގައި "އ" ސުކުން ބޭނުންކޮށްފައި ވަނީ ކިޔާއިރު އަޑުއިވޭ ގޮތަށް ބަލައިފަ އެވެ. ނަމަވެސް ބަހުގެ އިލްމުވެރިން ވިދާޅުވާ ގޮތުގައި ކިޔާއިރު އިވެނީ "އ" ސުކުނެއްގެ އަޑުހެން ހީވިޔަސް ފަސްސަތޭކަ ލިޔާއިރު ލިޔަން ޖެހޭނީ "ސ" ސުކުނެކެވެ.