02 Nov 2015, 11:37
ހުރިހާ ކުދިން ޝާމިލުކޮށްގެން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ ގޮތުން ބެލެނެވެރިންނަށާއި ސުކޫލުތަކުގެ ޕުރިންސިޕަލުންނަށް އަމާޒުކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ވޯކްޝަޕެއް ފަށައިފި އެވެ.
ނޭޝަނަލް އިންސްޓިޓިއުޓުގައި އިއްޔެ ފެށި އެ ބައްދަލުވުމުގައި ސުކޫލުތަކުގައި ކިޔަވާ ދެމުން އަންނަ މުދައްރިސުން ވެސް މި ވޯކިޝޮޕުގައި ބައިވެރިވާނެ އެވެ. އިއްޔެ އޮތް މަސައްކަތު ބައްދަލުވުން އިފްތިތާހުކޮށްދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަފީއު ވިދާޅުވީ އެއްވެސް ކުއްޖަކު ބާކީނުކޮށް ހުރިހާ ކުދިން ޝާމިލްކޮށްގެން ކިޔަވައިދިނުމުގެ ސިޔާސަތުގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަކީވެސް ތައުލީމު އުގެނުމުގެ މަރުކަޒުތަކުގެ ތެރޭގައި ތިބެންޖެހޭނެ ކުދިންތަކެއްގެ ކަމަށެވެ. އަދި އެކަމުގެ ވިސްނުން ފުރަތަމަ ފަހަރަށް ގެނެވި އެގޮތަށް މަސައްކަތްކުރަންފެށުނީ ދެހާހުގެ މެދުތެރޭ ހިސާބުގައިކަން އޭނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
"އާދެ. މިހާރު އަޅުގަނޑުމެންގެ ތެރޭގައި މިއޮތް ސިޔާސަތަކީ ތަންފީޒީ މަރުހަލާގައި ކަންކަން ކުރިއަށް ގެންދާނެ ގޮތް އެހާ ތަފްސީލުކޮށް އޮތް ސިޔާސަތެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އެންއައިއީ އިން ބުނޫ މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާ އެ މަސައްކަތު ބައްދަލުވުމުގެ މަގްސަދަކީ ހުރިހާކުދިން ޝާމިލްކޮށްގެން ތައުލީމް ފޯރުކޮށްދިނުމުގެ ސިޔާސަތަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމާ ގުޅޭގޮތުން މަޝްވަރާކުރުން ކަމަށާއި އެ ސިޔާސަތުގެ ދަށުން ތައްޔާރުކުރެވިފައިވާ ސްޓްރެޓެޖީއަށް ހިޔާލު ހޯދުން ކަމަށެވެ. އާ މަންހަޖުގެ ދަށުން ފައުންޑޭޝަން ސްޓްރެޓެޖީ އަދި ކީ ސްޓޭޖް އެކެއްގައި ތިބި، އުނގެނުމާ އިތުރު އެހީއަށް ބޭނުންވާ ކުދިން ދެނެގަތުމަށް ބޭނުންކުރާނެ އުސޫލަށް ހިޔާލު ހޯދުމަކީ ވެސް އެ ވޯކްޝޮޕުގެ މަގުސަދެއް ކަމަށް އެ އިންސްޓިޓިއުޓުން ބުންޏެވެ.