02 Nov 2015, 10:25
އެމްޑީއޭގެ ޔޫތު ކައުންސިލާއި ޔޫތު ލީގުގެ ހުރިހާ މެމްބަރުން ތިބީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރާ އެކު ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެމްޑީއޭގެ ޔޫތު ލީގުން ރޭ ނެރުނު ބަޔާނެއްގައި ވަނީ ރައްޔިތުން އިންތިޚާބުކޮށްފައިވާ ގާނޫނީ ސަރުކާރު ނަގަހައްޓައި ދަމަހައްޓައި އަދި ހިމާޔަތްކުރުމަކީ ގައުމީ ވާޖިބެއް ކަމުގައި ޔޫތުލީގުން ދެކޭ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީންގެ ސަރުކާރު ދިފާއުކުރުންމަތީ ސާބިތުކަމާ އެކު ތިބޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
".....މިކަމާ ގުޅިގެން ބަޔަކުދޭ އިންޒާރަކަށް އަދި ދައްކާ ބިރަކަށް ފަސްނުޖެހި ސާބިތުކަމާ އިޚްލާސްތެރިކަމާ އެކު ދެގޮތެއްނުވެ ރައީސް ޔާމީނާއި އަޅުގަނޑުމެންގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާ އެކު އަޅުގަނޑުމެން ދެމިތިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ،" އެމްޑީއޭގެ ޔޫތު ލީގުގެ ރައީސް އަހްމަދު ރީހާން ސޮއިކުރައްވައި ނެރުނު ބަޔާނުގައިވެ އެވެ.

އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ރައީސް ޔާމީންގެ ދެކަނބަލުންނާ އެކު
މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅުކުރެއްވި ރިޔާސީ ލޯންޗުކޮޅަށް ދިން ބޮމުގެ ހަމަލާއަކީ މުޅި ގައުމަށާއި ރާއްޖޭގެ ހުރިހާ ޒުވާނުންގެ މުސްތަގުބަލަށް ދެވުނު ނުރައްކާތެރި ހަމަލާއެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެމްޑީއޭގެ ޔޫތު ލީގުގުން ވަނީ އެ މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
"މިފަދަ ހަމަލާއެއް ދެން މިރާއްޖޭގައި ދުވަހަކު ވެސް ނުދެވޭނެ ފަދަ ގޮތަކަށް ރައީސް ޔާމީން އަޅުއްވަމުންގެންދަވާ އެންމެހައި ހިކުމަތްތެރި ފިޔަވަޅުތަކަށް އަޅުގަނޑުމެންގެ ފުރިހަމަ ތާއީދާއި އެއްބާރުލުން އެބައޮތްކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ސަރުކާރަށާއި ރާއްޖޭގެ ލޮބިވެތި ރައްޔިތުންނަށް އަރުވަން،" އެމްޑީއޭގެ ޔޫތު ލީގުގެ ބަޔާނުގައިވެ އެވެ.