02 Nov 2015, 12:17
ވޯލްޑްކަޕް ކޮލިފައިންގައި މި މަހު 12 ވަނަ ދުވަހު މާލޭގައި ހޮންކޮންއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމް ކުޅެން ހަމަޖެހިފައިވާ މެޗްގެ ކުރިން ދަނޑުގައި ވަގުތީ ގޮތުން އިލެކްޓްރޯނިކް ސްކޯބޯޑެއް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.
އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް ޢަދީލް ޖަލީލް ސަން އަށް ވިދާޅުވީ މިނިވަން 50ގެ ކުޅިވަރުތަކަށް ފަހު ދަނޑުގައި އިލެކްޓްރޯނިކް ސްކޯބޯޑެއް ބަހައްޓައި ދިނުމަށް މިނިވަން 50ގެ އޮފީހުން ބުނެފައިވާ ކަމަށެވެ.
ބައްސާމް ވިދާޅުވީ އެ މަސައްކަތުގެ ބައެއް ބައިތައް ރާއްޖެ އިން ބޭރުން ގެންނަން ޖެހޭތީ އެ މުއްދަތައް ދާއިމީ އިލެކްޓްރޯނިކް ސްކޯބޯޑެއް ބެހެއްޓޭ ގޮތް ނުވުމުން އެމެޗަށް ވަގުތީ ސްކޯ ބޯޑެއް ބަހައްޓައި ދޭނެ ވާހަކަ މިނިވަން ފަންސާހުގެ އޮފީހުން ބުނެފައިވާ ކަމަށެވެ.
މިނިވަން 50ގެ އޮފީސް ހިންގެވުމާ ހަވާލުވެ ހުންނެވި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މާޒު ސާލީމް ސަން ވިދާޅުވީ މިނިވަން 50 ގެ ކުޅިވަރުތައް ބޭއްވި ރޭ ގަލޮޅު ދނަޑުގައި ބޭއްވި ކުޅިވަރު ހަރަކަތުގައި ބޭނުން ކުރި ގޮތަށް ހޮންކޮންގް މެޗްގައި ވަގުތީ އިލްކްޓްރޯނިކް ޓީވީއެއް ބެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ގަލޮޅު ދަނޑުގައި އުރީދޫ ދިވެހި ޕްރިމިއާ ލީގް މެޗްތައް ކުރިއަށްދާ އިރު ދަނޑުގައި ހުރީ ނަންބަރު އަޅުވާ، ކުރީގެ 'މުސްކުޅި' ބޯޑެކެވެ.
ދަނޑުގައި ކުރިން ހުރި އިލެކްޓްރޯނިކް ސްކޯބޯޑް މިހާރު ވަނީ ކުޅިވަރު އެކުވެނީގެ ޓާފް ދަނޑު އެކަކަށް ބަދަލުކޮށްފަ އެވެ.