ވޮޝިންގޓަން : ލީބިޔާގެ ޒަޢީމް މުޢައްމަރުލްގައްޒާފީގެ ބާރުތަކާދެކޮޅަށް ހުޅަނގުގެ ގުޅިފައިވާ ލަޝްކަރުން ދޭ ހަމަލާތަކުން އޭނާގެ ވެރިކަން ވައްޓާނުލެވޭނެ ކަމަށް އެމެރިކާގެ ދިފާޢީ ވަޒީރު ރޮބަޓް ގޭޓްސް ވިދާޅުވެއްޖެއެވެ.

ގޭޓްސް ވިދާޅުވީ ގައްޒާފީ ޢަސްކަރީގޮތުން ބަލިކޮށްނުލެވުނު ނަމަވެސް ގައްޒާފީގެ ނިޒާމާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އޭނާގެ ވެރިކަން ލަސްތަކެއްނުވެ ނިމިގެން ހިނގައިދާނެ ކަމުގައެވެ.

އެމެރިކާ ސިފައިންގެ ޖޮއިންޓް ޗީފް އޮފް ސްޓާފް އެޑްމިރަލް މައިކް މުލެން ވިދާޅުވީ ހުޅަނގުގެ ވައިގެ ހަމަލާތަކަށް ދެ ހަފްތާ ވެފައިވާއިރު ގައްޒާފީގެ ޢަސްކަރީ ބާރުތައް ކޮންމެވެސްވަރަކަށް ބަލިވަމުންދާ ކަމުގައެވެ. ނަމަވެސް ގައްޒާފީގެ ބާރުތައްވަނީ ރޫޅުމުގެ މަގުމަތީގައި ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

މުލެން މިހެން ވިދާޅުވިއިރު ގައްޒާފީގެ ބާރުތައް ވަނީ ރޫޅުމުގެ މަގުމަތީގައި ކަމަށާ ހުޅަނގުގެ ޙަމަލާތަކުގެ ސަބަބުން ގައްޒާފީގެ ވައިގެ ބާރުތައް އެއްކޮށް ނެތިގެން ހިނގައްޖެ ކަމަށް ވިދާޅުވެ މީގެހަފްތާއެއްހާ ދުވަސްކުރިން އިނގިރޭސިވިލާތުގެ ޢަސްކަރީ އިސް މަސްއޫލުވެރިއަކުވަނީ ވާހަކަ ދައްކަވާފައެވެ.

އިނގިރޭސި މަސްއޫލުވެރިޔާ މިމޭރުމުން ވާހަކަ ދައްކަވާފައިވަނިކޮށް ގައްޒާފީގެ ބާރުތަކުން އިއްޔެވެސްވަނީ ލީބިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައިވާ އެތަށް ސަރަޙައްދަކަށް ބޮމުގެ ޙަމަލާތަކެއްދީފައެވެ.
ގައްޒާފީގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ލީބިޔާގެ އިދިކޮޅު ހަނގުރާމަވެރިން މިހާރުދަނީ ގައްޒާފީގެ ބާރުތަކުގެ ކުރިމަތީގައި އަނެއްކާވެސް ފަހަތައް ޖެހެމުންނެވެ.

އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައިވާ ތިންރަށެއް ގައްޒާފީގެ ބާރުތަކުން ވޭތުވެދިޔަ ހަތަރު ދުވަހުގެ ތެރޭގައިވަނީ ހަިފާފައެވެ. -- އަލްޖަޒީރާ