02 Nov 2015, 10:09
ކުޑަ ކަޅުވާއަށް ލުބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގައި ދެ ހަފްތާއެއްހާ ދުވަހު ހުރުމަށް ފަހު ރެއާލް މެޑްރިޑްގެ ފަރިތަކުރުންތަކުގައި ވޭލްސްގެ ވިންގާ ގެރެތް ބޭލް ބައިވެރިވާން ފަށައިފި އެވެ.
ބޭލް އަށް އަނިޔާވީ ސްޕެނިޝް ލީގުގައި މިދިޔަ މަހު 17 ވަނަ ދުވަހުގެރޭ ލެވަންޓޭ އަތުން 3-0 އިން ރެއާލް މޮޅުވި މެޗްގަ އެވެ. އެ މެޗްގެ ފުރަތަމަ ހާފް ނިމެނިކޮށް ވަނީ ބޭލަށް އަނިޔާވެގެން ދަނޑުން ބާލައިފަ އެވެ.
އަނިޔާގެ ސަބަބުން ރެއާލް އެންމެ ފަހުން ކުޅުނު ތިން މެޗްގައި ވެސް ބޭލް އަކަށް ނުކުޅެވުނެވެ. ބޭލްއާ ނުލައި ލީގްގައި ކުޅުނު ދެ މެޗްން ރިއާލް މޮޅުވި އިރު ޗެމްޕިއަންސް ލީގްގައި ފްރާންސްގެ ޕީއެސްޖީ އަތުން ރެއާލް ވަނީ އެއްވަރުވެފަ އެވެ. މާދަމާ ރޭ އަމިއްލަ ދަނޑުގައި ރެއާލް އިން ޕީއެސްޖީއާ ގެކޮޅަށް ކުޅޭ މެޗްގެ ކޮންމެވެސް ހިސާބަކުން ބޭލް ފެނުމުގެ ފުރުސަތަ އޮތް އިރު އެ މެޗްގައި މިވަގުތު އަނިޔާގައި ހުރި އެ ޓީމްގެ މުހިންމް ފޯވާޑް ކަރިމް ބެންޒަމާ ވެސް ފެނުމުގެ ފުރުސަތު ބޮޑެވެ.
މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ރިއާލް އިން ވަނީ ލީގްގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ތާވަލްގެ އެއްވަނާގައި 24 ޕޮއިންޓާއިއެކު އެވެ. ހަމަ އެ އަދަދަށް ޕޮއިންޓް ލިބިގެން ބާސެލޯނާ ދެވާނާގައި އޮތީ ފައިދާ ގޯލް ރެއާލް އަށް ވުރެން މަދުން ލިބިގެންނެވެ. އަދި ޗެމްޕިއަންސް ލީގްގައި ވެސް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ގުރޫޕްގެ އެއްވަނާގައި ރެއާލް އޮތް އިރު އެއް ގޯލްގެ ތަފާތުން ޕީއެސްޖީ އޮތީ ދެވަނައިގަ އެވެ.