02 Nov 2015, 09:34
އަންކަރާ (ނޮވެމްބަރު 2): މިއަދުން ފެށިގެން ތުރުކީގައި ވެރިކަންކުރާނީ އިސްލާމީ ފިކުރުގެ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީކަމަށް އެޕާޓީގެ ރައީސް އަދި ތުރުކީގެ ވަގުތީ ބޮޑުވަޒީރު އަހްމަދު ދާއޫދު އޮގްލޯ ވިދާޅުވެއްޖެއެވެ.
ޖަސްޓިސް ޕާޓީން ތުރުކީގެ އާންމު އިންތިޚާބު ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ކާމިޔާބު ކުރުމާގުޅިގެން ދެއްވިބަޔާނެއްގައި އޮގްލޯ ވިދާޅުވީ އެހެން އެއްވެސް ޕާޓީއަކާނުލައި މިއަދުން ފެށިގެން ކުރިޔަށްއޮތް ހަތަރު އަހަރުވަންދެން ތުރުކީގައި ވެރިކަން ކުރުމުގެ ބާރާއި އިޚްތިޔާރު ތުރުކީގެ ރައްޔިތުން ޖަސްޓިސް ޕާޓީއަށް ދީފައިވާކަމުގައެވެ.
މިއިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިސްލާމީ ފިކުރުގެ ޖަސްޓިސް ޕާޓީވަނީ ޕާލަމެންޓްގެ ދެބައި ކުޅަ އެއްބައަށްވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފައެވެ. މިގޮތުން ތުރުކީ ޕާލަމެންޓްގައި ހިމެނޭ 550 ގޮނޑީގެ ތެރެއިން 316 ގޮނޑި ކާމިޔާބުކޮށްފައިވަނީ ޖަސްޓިސް ޕާޓީންނެވެ. އެހެންކަމުން މިއީ އެހެން އެއްވެސް ޕާޓީއަކާނުލައި ޖަސްޓިސް ޕާޓީ ބޭނުންގޮތަކަށް ސަރުކާރެއް އެކުލަވާލެވޭ ވަރުގެ ބޮޑު އަދި ތަނަވަސް އަޣްލަބިއްޔަތެކެވެ.
މިއީ ތުރުކީގައި މިއަހަރު ތެރޭގައި ދެވަނަ ފަހަރަށް ބޭއްވި އާންމު އިންތިޚާބެވެ. މިއަހަރުގެ ޖޫންމަހު ބޭއްވި އާންމު އިންތިޚާބު ޖަސްޓިސްޕާޓީއަށް ކާމިޔާބު ކުރެވުނު ނަމަވެސް އެޕާޓީއަށް އެކަނި ސަރުކާރެއް އެކުލަވާލެވޭ މިންވަރަށް ޕާލަމެންޓްގެ ގޮނޑި ކާމިޔާބު ނުކުރެވުމުން އެޕާޓީ މަސައްކަތްކުރީ އެހެންޕާޓީތަކާއެކު ކޯލިޝަން ސަރުކާރެއް އެކުވަލުމަށެވެ. މިކަންނާކާމިޔާބުވުމުން ނިންމީ އަލުން އިންތިޚާބަކަށް ދިޔުމަށެވެ.
ފާއިތުވި ހަތަރުވަރަކަށް މަސްތެރޭގައި ތުރުކީގައި އިންތިޚާބީ ސަރުކާރެއް އެކުލަވާނުލެވި ސިޔާސީ ހުސްކަމެއްގެ ތެރެއަށް އެގައުމު ވެއްޓިގެން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން ތުރުކީގެ ސިޔާސީ ހަޔާތުން އެތަށް ދުވަސްތަކެއް ގެއްލި ބޭކާރުވެ ސިޔާސީ ކޯޅުންގަނޑެއްގެ ތެރެއަށް އެގައުމު ވެއްޓިގެން ދިޔުމުގެ ބިރުވަނީ ހީވެފައެވެ. ނަމަވެސް އިއްޔެ ބޭއްވި އިންތިޚާބުގައި ތުރުކީ ޕާލަމެންޓްގެ އަޣުލަބިއްޔަތު ޖަސްޓިސްޕާޓީއަށް އަލުން ލިބުމާއެކު މި ބިރު މިހާރުވަނީ ފިލާފައެވެ.
ތުރުކީގައި އިއްޔެ ބޭއްވި އާންމު އިންތިޚާބުގައި އެގައުމުގެ ރައްޔިތުންގެ ތެރެއިން 54 މިލިޔަނަށް ވުރެ ގިނަމީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު މީގެތެރެއިން 87.3 ޕަސެންޓު މީހުން ވޯޓުލުމުގައި ބައިވެރިވެފައިވާކަން ވަނީ ހާމަވެފައެވެ. (އަލްޖަޒީރާ)