ފުލުހުން މިރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ގ. ކަށިމާ ހިނގުމުގައި ހުރި ގެއެއް ބަލައިފާސްކޮށް އެގެއިން ބައެއް ތަކެތި ގެންގޮސްފި އެވެ.

ކަށިމާ ހިނގުމުގެ ބުރުޒު މަގާއި ލޮނުޒިޔާރަތްމަގާ ދެމެދަށްވާ ސަރަހައްދު ބަންދުކުރުމަށް ފަހު، މިރޭ މެންދަމު 2:00 އާއި 3:15އާ ދެމެދު ފުލުހުން ބަލައިފާސްކޮށްފައި ވަނީ، އެ މަގުގައި ހުންނަ. ގ. ފިލާވެލި ކިޔާ ގެކެވެ.

ގ. ފިލާވެލި ކުރިމަތީގައި ފުލުހުން މިރޭ ހަރަކާތްތެރިވަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

ފުލުހުންގެ މީޑިއާއާ ގުޅޭގޮތް ނުވުމުން ފުލުހުން އެގެއަށް ވަދެފައި ވަނީ، ކޮންކަމަކާ ގުޅިގެންކަން ސާފުވާގޮތެއް ނުވިއެވެ. އެހެން ނަމަވެސް ފުލުހުން އެގެއިން ނުކުމެގެން ދިޔައިރު، ކޮތަޅެއްގައި ބައެއް ތަކެތި ފުލުހުންގެ ވެހިކަލަށް އެރުވި މަންޒަރު ސަންގެ ނޫސްވެރިންނަށް ފެނުނެވެ.

ފުލުހުން މިރޭ ބަލައިފާސްކުރި ގ. ފިލާވެލި -- ސަން ފޮޓޯ: ފަޔާޒް މޫސާ

ސަންއަށް އެނގިފައިވާ ގޮތުގައި ފުލުހުން އެގެއިން ގެންދިޔަތަކެތީގެ ތެރޭގައި ލެޕްޓޮޕަކާ މޯބައިލް ފޯނެއް ހިމެނެއެވެ. އެހެން ނަމަވެސް އެ ތަކެއްޗަކީ ކޮންކަމަކާ ގުޅިގެން ފުލުހުން ގެންދިޔަ ތަކެއްޗެއްކަން ސާފުވާގޮތެއް ނުވިއެވެ.

ގ. ފިލާވެލި ބަލައި ފާސްކުރުމަށް ފުލުހުން މިރޭ އެ ސަރަހައްދު ބަންދުކޮށްފައި -- ސަން ފޮޓޯ: ފަޔާޒް މޫސާ

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން، ތަހުގީގަށް ބޭނުންވާ ހެކި ހޯދުމުގެގޮތުން ފުލުހުންނާއި ސިފައިން ގުޅިގެން ވަނީ، މާލެއާއި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ފަޅުރައްތަކާއި އެނޫންވެސް ތަންތަން ބަލައިފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ.