މިއަދު ގައުމުގެ މަޝްރަހު އޮތްގޮތުން މިމަހުގެ ހަވަނަ ދުވަހު އެމްޑީޕީން ބޭއްވުމަށް ރާވަމުންދާ މުޒާހަރާ ބޭއްވުމާ މެދު ދެވަނަ ވިސްނުމަކަށް ދިއުމަށް ފުލުހުން، އެމްޑީޕީގެ ކިބައިން އެދިއްޖެ އެވެ.

ފުލުހުންގެ މައި އިދާރާގައި މިއަދު މެންދުރުފަހު އެމްޑީޕީގެ އިސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް އެދިވަޑައިގެންފައި ވަނީ ޤައުމުގެ މަޝްރަޙް މިއަދު އޮތް ގޮތުން 6 ނޮވެމްބަރު 2015 ވަނަ ދުވަހު އެމްޑީޕީން ބާއްވަން އިންތިޒާމުކުރާ މުޒާހަރާ ބޭއްވުމާމެދު އިތުރު ވިސްނުމަކަށް ގޮސްދިނުމަށެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް އެމްޑީޕީގެ ވެރިން ވަނީ ފުލުހުންގެ ހުށަހެޅުން އެބޭފުޅުންގެ ތެރޭގައި މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިރޭ ބޭއްވި އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ " މިމަހުގެ ހަވަނަ ދުވަހު ރައްޔިތުން ނިކުންނަން ޖެހޭ" ކަމަށެވެ. ރޮޒައިނާ ވަނީ ފުލުހުންގެ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.

އޮކްޓޯބަރ 23، 2015: ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރަން އެމްޑީޕީން ބާއްވަމުންދާ ސިލްސިލާ ހިނގާލުމުގެ ތެރެއިން -- ސަން ފޮޓޯ/ފަޔާޒު މޫސާ

އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރޮޒައިނާ ވިދާޅުވެފައި ވަނީ އެމްޑީޕީން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ބާއްވާ އެއްވުންތައް ހުއްޓުވުމަކީ އެޕާޓިން ކަންބޮޑުވާ އަދި މިނިވަންކަމަށް ހުރަސްއެޅުންކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އަދި ޕޭވްމަންޓު މަތީގައި ޞުލްޙަވެރި އެއްވުން ބާއްވަން ޖެހުމުން ކުރިމަތިވާ ދަތިތަކާ ބައެއް ފަހަރު ބައެއް ފުލުހުންގެ ފަރާތުން ކުރިމަތިވާ ނުތަނަވަސްކަން ފުލުހުންގެ ވެރިންނާ އެމްޑީޕީއިން ވަނީ ހިއްސާކޮށްފަ އެވެ.

ފުލުހުންގެ މުއައްސަސާއިން އެންމެ ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރާނީ ރައްޔިތުންގެ އިތުބާރާ ޔަޤީންކަން ލިބިގެން ދެވޭ ޚިދުމަތެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ހެދުން ކަމަށް އަރީފު ވަނީ މިއަދުގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ. ހަމަ އެއާއެކު ރަށުތެރޭގެ މަޞްލަޙަތު ދަމަހައްޓައި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއް ހުއްޓުމެއްނެތި ފުލުހުން ކުރަމުން ގެންދާނެކަމަށް އަރީފު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި އެމްޑީޕީގެ ބޭފުޅުންގެ އިތުރު ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީ އާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން އާދަމް އާއި އިސްމާޢީލް ނަވީން އާއި ޢަލީ ޝުޖާއު އާއި ޢަބްދުލް މައްނާނު ޔޫސުފް އަދި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ.