ޗައިނާ އަށް ޒިޔާރަތްކޮށް އެތަނުގެ ރެސްޓޯރެންޓަކުންކާ ކޮންމެ މީހަކަށް ވެސް އެމީހުންދޭ އެކައްޗެއްވެ އެވެ. އެއީ އަސްދޫނި މަހުގެ ކޮންމެވެސް ކެއުމެކެވެ. އަސްދޫނި މަހަކީ ޗައިނާގައި ސަގާފީ ކެއުމެއްގެ ގޮތުން ބޭނުން ކުރާ އެއްޗެއް ކަމަށް ޗައިނާ މީހުން ބުނެ އެވެ. ޗައިނާގެ އެކި ސަރަހައްދުކުގައި އެކިގޮތަށް ތައްޔާރުކޮށްގެން ކާ އަސްދޫނި މަހަކީ ޗައިނާ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި ވެސް މަގުބޫލު މަހެކެވެ.

އަސްދޫނި މަސް ފިހެގެން، ފެނުކައްކައިގެން ނުވަތަ ހަނާކޮށްގެން ވެސް ގިނަ ގައުމުތަކެއްގައި ބޭނުން ކުރާ އިރު ޗައިނާގައި އަސްދޫނި މަސް އެންމެ މަގުބޫލީ ފިހެގެންނެވެ. ޗައިނާގެ ވެރިރަށް ބެއިޖިންގެ ރައްޔިތެއް ކަމަށްވާ ޕީޓާ ބުނީ ޗައިނާ އަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށް ވެސް އަސްދޫނި މަހުގެ ކެއުމެއް ދިނުމަކީ އެގައުމުގެ ސަގާފަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

ޗައިނާއަށް ޒިޔާރަތް ކުރި ދިވެހި ނޫސްވެރިންނަށް އަސްދޫނި މަސް އެމީހުންގެ ގައުމުގައި ކައި އުޅޭ ގޮތް ޕީޓާ ވަނީ ކިޔައިދީފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ފުށުން ތައްޔާރުކޮށްފައި ހުއްނަ ފެންފޮޅި ކަހަލަ އެއްޗަކަށް ހަވާދުލައިގެން ފިހެފައި ހުރި އަސްދޫނި މަސްކޮޅު ލުމަށް ފަހު އޭގެތެރެއަށް އެމީހުން ތައްޔާރު ކުރާ ވަކި ހާސް ސޯސްއެއް އަޅައިގެން ކާނީ ކަމަށް ޕީޓާ ބުންޏެވެ.

ޗައިނާގެ ބެއިޖިންގެ އިތުރުން ޝަންހާއީގައި ވެސް ކޮންމެ ގަޑިއެއްގެ ކެއުމަށް ވެސް އަސްދޫނި މަސް ހުއްނަކަން ފާހަގަކުރެވުނެވެ. އަސްދޫނީގެ ފައި ހަވާދު ލައިގެން ފިހެލާފައި ހުންނައިރު ވަރަށް މީރު ކަމަށް ޗައިނާ އަށް ޒިޔާރަތްކުރި ދިވެހި ނޫސްވެރިން ބުންޏެވެ.އަސްދޫނި މަސް ވަރަށް މީރު. އެމީހުން އެއަޅާ ސޯސްއެއް ކަމަކު ނުދޭ. އެކަމަކު މަސްކޮޅު ވަކިން ކާން ހަމަ ވަރަށް މީރުއަސްދޫނިމަސް ކޭ ދިވެއްސެއް

ޗައިނާގެ އިތުރުން އަސްދޫނި މަސް ކެއުމަށް މަޝްހޫރު ގައުމުތަކުގެ ތެރޭގައި އިންޑޮނޭޝިއާ ފްރާންސް އަދި ކޮރިއާވެސް ހިމެނެ އެވެ. އަދި އެމެރިކާގެ ނިއުޔޯކުގައި ވެސް އަސްދޫނި މަހަކީ ޒަމާނުއްސުރެ ވެސް ވަރަށް މަޝްހޫރު އެއްޗަކަށް ވަނީ ވެފަ އެވެ.

ކާއެއްޗިހި ހުސްކުރުމަކީ ޗައިނާ މީހުންނަށް ހަޑި ކަމެއް

އަސްދޫނި މަހުގެ އިތުރުން ޗައިނާގައި ކާ މޭޒުމަތިން ފާހަގަކުރެވުނު އެހެންކަމެއް ވެސް އެބައޮތެވެ. އެއީ ކާން ބޭނުންވާ މިންވަރަށް ވުރެ ގިނައިން ކާއެއްޗިސް މޭޒަށް ޖަމާކުރުމެވެ. ޗައިނާގައި އެންމެ ފުރަތަމަ ކާން ގެންނަނީ ކޮންމެވެސް ވައްތަރެއްގެ މަހަކާއި ބަންއެކެވެ. އެއަށް ފަހު ކުކުޅުމަހާއި ބީފް އަދި ލޭމްބް މަސް ވެސް މޭޒަށް ޖަމާކުރެ އެވެ. ނަމަވެސް ދިވެހިންނާއި ތަފާތުކޮށް ބަތް ގެންނަނީ އެންމެ ފަހުންނެވެ. އެކަންވީ ދިވެހިންނަށް އާދަޔާ ހިލާފު ކަމަކަށެވެ.

ދިވެހިންގެ ތެރޭގައި އާންމުކޮށް ބަތް ކައި އުޅެނީ ރިހަޔާއި މަހާ އެއްކޮށްގެން ނަމަވެސް އެއީ ޗައިނާގައި އެކަން ކުރާ ގޮތެއް ނޫނެވެ. ބަތް ކަނީ ވަކިން ހުހަށެވެ. އަދި މަސްވެސް ކަނީ ވަކި ވަކިންނެވެ. ކޮންމެ ޑިޝްއެއް ވެސް ވަކިން ކެއުމަކީ ޗައިނާ މީހުންގެ އާދަ އެކެވެ. އޭގެ އިތުރުން ގިނަ ކާއެއްޗިހި މޭޒަށް ޖަމާ ކުރުމަކީ ޗައިނާ އަށް ޒިޔާރަތްކުރާ މެހެމާނުންނަށް އިހުތިރާމު އަދާކުރުމުގެ ގޮތުން ޗައިނާ މީހުން ކުރާ ކަމެއް ކަމަށް ޕީޓާ ބުންނެވެ. އަދި ކާއެއްޗިހި ހުސްކޮށްފި ނަމަ އޭގެ މާނައަކީ އެބަޔަކަށް ފުދޭވަރަށް ކާއެއްޗެހި ނުދެވެނީއޭ ކަމަށް ވެސް ޕީޓާ ބުންޏެވެ.

" ކާއެއްޗިހި ގިނައިން ދޭނެ ޖެހޭނެ. އޭއްޗިހި ހުސްކުރާވަރުން މޭޒަށް ޖަމާކުރާނެ މިގައުމުގައި. ހުސްވެއްޖެޔާ އޭގެ މާނައަކީ އަދި ބޭނުންވެޔޭ. ކޮންމެ ބަޔަކުވެސް އިތުރު ކޮށްފައި ބަހައްޓާވަރަށް ކާއެއްޗިހި ދޭނެ،" ޕީޓާ ބުންޏެވެ.

އެހާ ގިނަ ކާއެއްޗިހި ގެންނައިރު ކޮންމެ ކާއެއްޗަކަށް ވެސް ސޯސް އަޅައިގެން ތައްޔާރުކޮށްފައި ހުއްނަކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ. ގިނަ ސޯސްތަކެއް އަޅައިގެން ތައްޔާރުކޮށްފައި ހުރުމުން ގިނަ ފަހަރު އޭގައި މީރު ރަހައެއް ނުލާ ކަމަށް ގިނަ މީހުން ބުނެ އެވެ. ދިވެހިންނަށް ވުރެ ކާތަކެތި ތައްޔާރު ކުރުމާއި ކެއުމުގައި ޗައިނާ މީހުން ގެންގުޅޭ އުސޫލުތަށް ހާސްބައި ތަފާތެވެ.