ސަރުކާރުން ވިއްކާ ޓްރެޒަރީ ބިލްގެ އިންޓްރެސްޓް ރޭޓް މިއަދުން ފެށިގެން 4.5 ޕަސެންޓަށް ދަށްކޮށްފި އެވެ.

ރަން ދިހަފަހެއްގެ ފައިސާ ނޫޓް ނެރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ، ކުރިން ޓްރެޒަރީ ބިލު ވިއްކަމުންދިޔަ އިންޓްރެސްޓް ރޭޓް ނުވަ ޕަސެންޓުން 4.5 ޕަސެންޓަށް ދަށް ކުރެވިފައިވާ ކަމަށެވެ.

"މިއަދުން ފެށިގެން ޓުރެޒަރީ ބިލްގެ އިންޓްރެސްޓް ރޭޓް ވަނީ ވަރަށް ބޮޑުތަން ދަށްކުރެވިފައި. އަޅުގަނޑު ދަންނަވާނީ ގާތްގަނޑަކަށް 50 ޕަސެންޓް މިހާރު ވަނީ ދަށް ކުރެވިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޓްރެޒަރީ ބިލުގެ އިންޓްރެސްޓް ރޭޓް ދަށް ކުރުމާއެކު ބެންކް ތަކުން ދޫކުރާ ލޯންތަކުގެ އިންޓްރެސްޓް ރޭޓް ދަށް ކުރަން މަޖުބޫރު ވާނެ ކަމަށެވެ. އެކަން ކުރުމަށް ބެންކްތަކާއި ވަނީ ވާހަކަ ދެކެވިފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ކައިރި މުސްތަގުބަލެއްގައި މިހާރު ބެންކްތަކުން ލިބޭ ލޯން އިންޓްރެސްޓް ރޭޓް ވަރަށް ބޮޑުތަން ދަށް ވެގެންދާނެ. މިއީ ދިވެހި ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަ ކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

އެމްއެމްއޭއިން ވަނީ މީގެ ތިން ހަފްތާއެއްހާ ދުވަސް ކުރިންވެސް ޓްރެޒަރީ ބޮންޑުގެ އިންޓްރެސްޓް ރޭޓް ދަށްކޮށްފައެވެ.

ޓްރެޒަރީ ބިލަކީ ލޯނެކޭ އެއްގޮތަށް ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި އަނބުރާ ދައްކަންޖެހޭ އެއްޗެކެވެ. އާންމުކޮށް ޓްރެޒަރީ ބިލް ވިއްކަނީ ލޯނަށް ވުރެ ކުރު މުއްދަތަކަށެވެ.