އަލަށް ތައާރަފްކުރި ރަންދިހަ ފަހެއްގެ ނޫޓު ސީރީޒްގެ ސަބަބުން އިގްތިސާދުގައި ދައުރުވާ ފައިސާގެ އަދަދު އިތުރުވެގެން ނުދާނެ ކަމަށް އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވެއްޖެ އެވެ.

އާ ނޫޓްތައް ނެރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގަވަރުނަރު ޑރ.އަޒީމާ އާދަމް ވިދާޅުވީ، އާ ނޫޓްތަކަކީ ސަލާމަތީ ގޮތުން ވަރުގަދަ ނޫޓުތަކެއް ކަމަށްވާއިރު އެނޫޓުތަކުގެ ސަބަބުން އިންފްލޭޝަނަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަލަށް ތައާރަފްކުރާ ނޫޓްތަކަކުން އިގްތިސާދުގައި ދައުރުވާ ފައިސާގެ އަދަދަކަށް ބަދަލެއް ނާންނާނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

"މިސާލަކަށް ރަންދިހަފަހެއްގެ 100 ރުފިޔާގެ ނޫޓެއް ނެރޭނީ މިހާރު ބޭނުންކުރާ 100 ރުފިޔާގެ ނޫޓެއް އެމްއެމްއޭއަށް ނެގުމަށްފަހު،" ގަވަރުނަރު އަޒީމާ ވިދާޅުވިއެވެ.

ރަންދިހަ ފަހެއްގެ ނޫޓްތައް ނެރުމުން ރާއްޖޭގެ އިންފުލޭޝަންއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

ވަގު ނޫޓު ތައްޔާރުކުރާ ފަރާތްތަކުން ކުރާ މަސައްކަތަށް އެފުރުސަތު ނުދިނުމަށް އެޅޭނެ އެންމެ ވަރުގަދަ ފިޔަވަޅަކަށް ވެގެންދާނީ އެނޫޓަށް މީހުން ހޭލުންތެރިކުރުވުން ކަމަށާއި އެހެންކަމުން ރަންދިހަ ފަހެއްގެ ނޫޓްތައް މި ޑިސެމްބަރު މަހުގެ ތެރޭގައި ނެރުމުގެ ކުރިން އެނޫޓަށް އާންމުން ހޭލުންތެރި ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

މިރޭ ތައާރަފްކުރި ރަންދިހަފަހެއްގެ ނޫޓްތަކަކީ ވަގުނޫޓް އުފައްދާ ފަރާތްތަކަށް ނަކަލު ނުކުރެވޭނެ ނޫޓްތަކެއް ކަމަށްވެސް ގަވަރުނަރު އަޒީމާ ވިދާޅުވިއެވެ.

އިލެކްޓްރޯނިކް ޕޭމަންޓް ސިސްޓަމަކަށް މޯބައިލް ޕޭމަންޓް ސިސްޓަމެއް ގާއިމް ކުރުމަށް ޓެލެކޮމް ކުންފުނިތަކުން އެކަން ކުރުމަށް ހުއްދަ ދީފައިވާއިރު އެކުންފުނިތަކުން އެމަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ. އެމްއެމްއޭގެ އަމާޒަކީ އަންނަ އަހަރު އެހިދުމަތް ތައާރަފް ކުރުން ކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.