ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތަހުގީގަށް މިއަދު ހޯދަން އިއުލާނު ކުރި ހަމީހުންގެ ތެރޭގައި ހިމެނޭ ޅ. ހިންނަވަރު، ނައިލޯނުގެ، އަހުމަދު އަޝްރަފު (ޝުމްބާ ގޮންގް)، ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސްރީލަންކާގައި ހުއްޓައި ޝުމްބާ ގޮންގް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ރިޔާސީ ލޯންޗު ކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ނެޝަނަލް އިންކުއަރީ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ރާއްޖޭން ބޭރުގައި ތިބި އަށް މީހަކު ރާއްޖެ އައުމަށް އަންގާފަ އެވެ. އަދި އެމީހުން ރާއްޖެ ނައިސްފި ނަމަ އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރޭނެކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖެ އައުމަށް އުމަރު މިއަދު އިއުލާނު ކުރެއްވި އަށް މީހުންގެ ތެރޭގައި ޝުމްބާ ގޮންގްވެސް ހިމެނެ އެވެ.

ޝުމްބާ ގޮންގް އަކީ ނައިބު ރައީސް އަހުމަދު އަދީބު ޕްރޮމޯޓް ކުރުމަށް ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ އެކްޓިވިސްޓެކެވެ. ނައިބު ރައީސް އަދީބު ހައްޔަރު ކުރުމާ ގުޅިގެން އޭނާ ވަނީ ސަރުކާރާ ދެކޮޅަށް ފާޑުކިޔައި ގިނަ ޓުވީޓްތަކެއް ކޮށްފަ އެވެ.

ޝުމްބާ އެންމެ ފަހުން ކުރި ޓުވީޓުގައި ބުނެފައި ވަނީ އޭނާ ހުރީ ނުރައްކަލުގެ ތެރޭގައި ކަމަށާއި އެންމެންވެސް ރައްކާތެރިވެ ތިބުމަށް އެދޭ ކަމަށެވެ.

ރާއްޖެއިން ބޭރުގައި ތިބި 8 މީހުން:

  • މުހައްމަދު އައްލާމު ލަތީފު (މޮހޯ)، މ.ސެސްނާ
  • މުހައްމަދު ހުސައިން (އޮއިއްޓޭ)، ގ. އޮއިވާލި
  • މުހައްމަދު ވިޝާމް (ވިޝް)، ވައިޖެހޭގެ ހއ. މުރައިދޫ
  • އަހުމަދު ފާތިހު (ބެންޖޯ)، ރަތްބަގީޗަގެ ކ. ދިއްފުށި
  • މުހައްމަދު އަސީލު އަހުމަދު، ހ. އައިދާ
  • އަހުމަދު އަޝްރަފު (ޝުމްބާ ގޮންގު)، ނައިލޯނުގެ ޅ. ހިންނަވަރު
  • ހުސައިން ޝިނާނު، ހ. ރަންވިލާގެ
  • އަހުމަދު އިޝްފާހު އަލީ، މ. ލޭންޑު އޮފް ގާޑަން

"އަޅުގަނޑު މި މީހުންނަށް އަދި މި މީހުންގެ އާއިލާއަށް މި މީހުންގެ އަނބިދަރީންނަށް އަދި މި މީހުންގެ މައިންބަފައިންނަށް އަޅުގަނޑު ގޮވާލަން މި މީހުންނަށް އަންގަން ރާއްޖެ އަށް މިހާރު އަނބުރާ އަންނަން، އައިސް މި ތަހުގީގަށް އެއްބާރުލުން ދޭން،" އުމަރު ވިދާޅުވި އެވެ.