01 Nov 2015, 19:28
ގއ. ކަނޑުހުޅުދޫގައި ހުންނަ ޕީޕީއެމްގެ ހަރުގެ ފަޅާލައި އެތަނުގައި ހުރި އިލެކްޓްރޯނިކް ސާމާނު ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިއަދު 3:15 އެހާކަންހާއިރު ކަނޑުހުޅުދޫ ޕީޕީއެމް ހަރުގެ ފަޅާލައި އިލެކްޓްރޯނިކް ބައެއް ސާމާނު ވަގަށް ނެގި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެމައްސަލައާ ގުޅިގެން ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ފިރިހެނަކު ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ކަނޑުހުޅުދޫ މީހަކު 'ސަން' އަށް ބުނީ، އެރަށު ޕީޕީއެމް ހަރުގެ ފަޅާލައިފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި، އަދި ފަޅާލިކަން އެމީހުންނަށް އެނގުނީ މެންދުރު ކަމަށެވެ. އެތަނުން ވަގަށް ގެންދިޔަ ތަކެތީގެ ތެރޭގައި ސައުޑް ސްޕީކަރާއި އެމްޕްތައްވެސް ހިމެނޭ ކަމަށާއި އެތަކެތީގެ އަގަށް 80،000 ވުރެ ގިނަ ރުފިޔާ އަރާނެ ކަމަށް އޭނާ ބުންޏެވެ.
ކަނޑުހުޅުދޫ ޕީޕީއެމް ހަރުގެ ފަޅާލައި ތަކެތި ވަގަށް ގެންގޮސްފައި މިވަނީ އެރަށުގައި ތިބި ޕީޕީއެމްއަށް ތާއީދުކުރާ ފަރާތްތަކުން ސަރުކާރާ އެކު ތިބިކަން ހާމަ ކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ރާވާފައި ވަނިކޮށް ކަމަށް އެރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
ފުލުހުން މިހާރު ދަނީ އެމައްސަލަ ތަހުގީގު ކުރަމުންނެވެ.