01 Nov 2015, 19:04
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޕީޕީއެމާއި އެމްޑީއޭ އަދި ޖުމްހޫރީ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު 1:30 އިން 3:15 އެހާކަންހާއިރަށް މުލީއާގޭގައެވެ.
ޕީޕީއެމް ކޯލިޝަންގެ މަޖިލިސް މެމްބަރަކު މިރޭ ސަން އަށް ވިދާޅުވީ، އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތައް މީޑިއާއަށް ހިއްސާ ކުރެވެން ނެތް ކަމަށެވެ.
އެ މެމްބަރު ވިދާޅުވީ، އެ ބައްދަލުވުމުގައި ޕީޕީއެމާއި އެމްޑީއޭ އަދި ޖުމްހޫރީ ޕާޓީގެ މަޖިލީސް މެމްބަރުންވެސް ރައީސް ޔާމީނާ ވާހަކަފުޅުދައްކަވައި މަޝްވަރާ ކުރެއްވި ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ޔާމީން ވަރަށް ތަފްސީލުކޮށް ގިނަ މައުލޫމާތުތަކެއް މެމްބަރުންނާ ހިއްސާ ކުރެއްވި ކަމަށް ވެސް ސަން އަށް މައުލޫމާތު ދެއްވި މެމްބަރު ވިދާޅުވިއެވެ.
އެ ބައްދަލުވުމުގެ ކުރިން ޕީޕީއެމާއި އެމްޑީއޭ އަދި ޖުމްހޫރީ ޕާޓީގެ މެމްބަރުން ބައްދަލުކުރައްވައި ވަނީ ރައީސް ޔާމީން އަވަހާރަކޮށްލުމަށްދިން ބޮމުގެ ހަމަލާގައި ޝާމިލްވާ މީހުން ވީއެންމެ އަވަހަކަށް ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކުރުމަށް ގޮވާލައި ބަޔާނެއް ނެރެފައެވެ.