ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރުގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުން މިއަދު ނިންމާލައިފި އެވެ.

ދޫނިދޫގައި ބަހައްޓައިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ނައިބު ރައީސް އަދީބުގެ އިސްތިއުނާފު އަޑުއެހުންތައް ފަށާފައިވަނީވެސް މިއަދު އެވެ.

ނައިބު ރައީސް އަދީބުގެ ގާނޫނީ ވަކީލު ހުސައިން ޝަމީމް ވިދާޅުވީ އެމަނިކުފާނު ހައިކޯޓަށް ނުގެންގޮސް ދޫނިދޫގައި ބަހައްޓައިގެން އަޑުއެހުން ކުރިއަށްގެންދިޔައީ ފުލުހުންގެ އެދުމުގެމަތިން ކަމަށެވެ.

އެ މައްސަލައިގައި އިތުރުކަމެއް ސާފުކުރަންނުޖެހޭނަމަ ދެން އޮންނާނީ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން ކަމަށް މިއަދު ހައިކޯޓުގެ ފަނޑިޔާރުން ވިދާޅުވި ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

ހައިކޯޓުގައި އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ، ފަނޑިޔާރު އަބްދުﷲ ދީދީއާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އާއި ފަނޑިޔާރު ޢަލީ ސަމީރުއެވެ. އެނގިފައިވާ ގޮތުގައި އެ ބެންޗުގެ ރިޔާސަތު ބަލަަހައްޓަވަނީ ފަނޑިޔާރު އަބްދުﷲ ދީދީ އެވެ.

އަދީބު ހައްޔަރުކުރުމަށްފަހު 15 ދުވަހަށް ބަންދުގެ މުއްދަތު އިތުރުކުރި މުއްދަތު މަޖިލީސް ވެސް ކުރިއަށްގެންދިޔައީ އެމަނިކުފާނު ދޫނިދޫގައި ބަހައްޓައިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު ނައިބު ރައީސް ސިންގަޕޫރަށް ވަޑައިގަތުމުން އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނު ހައްޔަރުކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅުގައި ބާރުގަދަ ބޮމެއް ގޮއްވާލުމުގައި އެމަނިކުފާނުގެ ބައިވެރިވުމެއް އޮތް ކަމުގެ ތުހުމަތުގައެވެ.

އެ މައްސަލަ ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ ކޯޗެއާ އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ލޯންޗުކޮޅުގައި ބޮންގޮއްވާލި މައްސަލައާ އަދީބާ ގުޅޭ ހެކިތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް ތަހުގީގު ކުރިއަށްދާތީ އެކަމުގެ ތަފްސީލު އެމަނިކުފާނު ހިއްސާއެއް ނުކުރައްވައެވެ.

މިއަދާ ހަމައަށް ފުލުހުންގެ ތަހުގީގު ޓީމުން ނައިބު ރައީސާ ސުވާލުކޮށްފައި ވަނީ އެންމެ ދުވަހަކު އެވެ.