ރާއްޖޭގެ ބައެއް ރަށްރަށުގެ މިސްކިތްތަކުގައި ކުދި ކުދި ދީނީ ޚިލާފުތަކާ ހެދި އެކަކު އަނެކަކުގެ ގަޔަށް އަތްލާ ހިސާބަށް ކަންތައްތައްދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙުމަދު ޒިޔާދު ބާޤިރު ވިދާޅުވެއްޖެއެވެ.

އަލިފުޅު ތުއްތު ފައުންޑޭޝަނުން ރާއްޖޭގެ ހަ ރަށެއްގައި އިމާރާތްކުރާ ހަ މިސްކިތެއްގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމަށް ސެންޓްރަލް ޒޯން ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ކުރިއްސުރެ އޮންނަ އެކުވެރިކަން މިސްކިތްތަކުގައި ދެމެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށެވެ.

"...މިސްކިތްތައް ބިނާކުރުމަކުން އެހިސާބުން ފުދުނީކީއެއް ނޫނޭ. މިސްކިތްތައް ބަލަހައްޓައި، ސާފުތާހިރުކޮށް، އަދި މިސްކިތްތަކުގެ ތެރޭގައި އަޅުގަނޑުމެން ރާއްޖޭގައި ކުރިއްސުރެ މިއޮންނަ އެކުވެރިކަމާ އެއްބަނޑު އެއްބަފާކަން މިސްކިތްތަކުގައި ދެމެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކޭ. ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި މިހާރު އަޅުގަނޑުމެން ރާއްޖޭގައި ފެންނަން ބޭނުންނުވާ އެތައް މަންޒަރުތަކެއް މިސްކިތްތަކުން ފެންނަމުން ދަނީ. ޒުވާބު ކުރުމާ އަޑުގަދަކުރުމާ ބޭއަދަބީ ބަހުން ހަޅޭއްލެވުމާ ބައެއް ރަށްރަށުގައި ގަޔަށް އަތްލާ ހިސާބަށް ވެސް އެބަދޭ މިސްކިތުގައި ދީނީ ކުދިކުދި ހިލާފުތަކާ ހެދި،" ރަސްމިއްޔާތުގައި ބައިވެރިވަވަޑައިގެންނެވި ކައުންސިލަރުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޑރ. ޒިޔާދު ބާޤިރު ވިދާޅުވިއެވެ.

އަލިފުޅު ތުއްތު ފައުންޑޭޝަނުން މިސްކިތްތައް އަޅައިދޭތީ އެކަމަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.

އިސްލާމިކް މިނިސްޓްރީއާ ގުޅިގެން އަލިފުޅު ތުއްތު ފައުންޑޭޝަނުން ހިންގާ މަޝްރޫއުގައި މިސްކިތްތައް އިމާރާތް ކުރަނީ ހއ. ތަކަންދުއާއި ށ. ކަނޑިތީމާއި އެއަތޮޅު ނަރުދުއާއި ރ. ހުޅުދުއްފާރާއި މ.މުލަކާއި ލ. މާމެންދޫގައެވެ.

އެ ފައުންޑޭޝަނުން އިމާރާތް ކުރާނީ ހއ. ތަކަންދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް، ކަނޑިތީމުގައި މީހުންގެ ޖާގައިގެ މިސްކިތެއް، ނަރުދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް، މުލަކުގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް، ހުޅުދުއްފާރުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އަދި މާމެންދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް އަލިފުޅުތުއްތު ފައުންޑޭޝަނުން ބުންޏެވެ.