ދިވެހި ގައުމީ ދިފާއީ ބާރުގެ ބަޑިގުދަނުން ހަތިޔާރު މަދުވެ އާންމުންގެ ތެރެއަށް އެ ހަތިޔާރުތައް ބޭރުވެފައި ވުމަކީ އޭގެ ނުރައްކާތެރިކަމާއި ބިރުވެރިކަން ބޮޑުކަމެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރިޔާސީ ލޯންޗްކޮޅުގައި ގޮވާތަކެތި ހަރުކޮށްގެން ހިންގި ނުރައްކާތެރި ހާދިސާގެ ފަހަތުގައިވާ ފަރާތްތައް ހޯދުމަށް ދިވެހި ސިފައިންނާއި ފުލުހުން ގުޅިގެން، ހިންގަމުން ގެންދާ އޮޕަރޭޝަންގައި، މާލެއާއި ރާއްޖޭގެ ރަށްތަކުން ނުރައްކާތެރި ހަނގުރާމަވެރި ހަތިޔާރު ފެންނަމުން ދާކަމީ، އެކޮމިޝަނުން ނިހާޔަތަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ދިރިހުރުމުގެ ޙައްޤަކީ، ޤާނޫނުއަސާސީއާއި އިންސާނީ އުޞޫލުތަކުގެ މަތިން، ކޮންމެ އިންސާނަކަށް ކަށަވަރުކޮށްދޭންޖެހޭ އެންމެ ފުރަތަމަ އަސާސީ ވާޖިބުކަމަށް ވާ ހިނދު، އެތައް ބައެއްގެ ފުރާނަ އެއްފަހަރާ ގެއްލުވާލެވޭފަދަ، ހަނގުރާމަވެރި ހަތިޔާރުތަކެއް ޤައުމީ ދިފާޢީ ބާރުން ބޭރުގައި ހުރުމަކީ މިކޮމިޝަނަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ." އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރައީސް ޔާމީން ދަތުރު ކުރެއްވި ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލުމުގެ ހާދިސާއާ މިކަމާ ގުޅިގެން ހިންގުނު އޮޕަރޭޝަން ތަކުގައި ފެނިފައިވާ ހަނގުރާމަވެރި ހަތިޔާރުތަކުގެ މައްސަލައިގެ ތަހުގީގު ރައްޔިތުންގެ ހިތުގައި ބިރުވެރިކަން ނުއުފެދޭނެ ގޮތަށް ގެންދަން ކޮމިޝަނުން ގޮވާލާފައި ވެއެވެ.

މުޖުތަމަޢުގެ އަމަން އަމާންކަން ޤާއިމުކުރުމަށްޓަކައި، ހެދިފައިވާ އެންމެހާ ޤާނޫނުތައް، އެޤާނޫނުތަކުގެ ފުރިހަމަ މާނާގައި ބޭނުންކޮށްގެން ވީހާވެސް އަވަހަށް ތަހުގީގު ފުރިހަމަކޮށް، އެ ނުރައްކާތެރި ޢަމަލު ހިންގާފައިވާ ފަރާތްތައް ޝަރީޢަތުގެ ކުރިމައްޗަށް ހާޒިރުކުރުމަށް، ދައުލަތުގެ ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"ދިވެހި ޤައުމަށް މިވަގުތު ދިމާވެފައިވާ ހުޠޫރަތްތެރި ދަނޑިވަޅުގައި، މިއަދުވެސް އަދި ވޭތުވެދިޔަ ތަނުގައިވެސް މިފަދަ ތަޙްޤީޤުތައް ހިންގުމުގައި ދައުލަތުގެ ތަޙްޤީޤީ އިދާރާތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޒަމާނަށް އެކަށީގެންވާ ހެއްކާ ބެހޭ ޤާނޫނަކާއި ހެކި ރައްކާތެރިކުރެވޭނެ ފުރިހަމަ ޤާނޫނީ އޮނިގަނޑެއް ނެތުން ކަމުގައި މިކޮމިޝަނުން ފާހަގަކުރަމެވެ. މިފަދަ ޤާނޫނެއް ނެތުމުން، ހެކި ހޯދުމުގައި ތަފާތު ދަތިތައް ކުރިމަތިވެ، ތަޙްޤީޤު ދިގުލައިގެން ދިޔުމުގެ އިތުރުން، ހެކި ރައްކާތެރިކުރެވޭނެ ޤާނޫނީ ނިޒާމެއް ނެތުމުގެ ސަބަބުން ބޮޑެތި ކުށްތަކާ ގުޅިގެން ހެކިބަސް ދިނުމުގައި ޢާންމުންގެ ޖެހިލުންވުންތަކެއް ހުރިކަން ފާހަގަކުރަމެވެ." ބަޔާނުގައި ބުނެފައިވެ އެވެ.

އެޗްއާރްސީއެމްގެ ބަޔާނުގައި ވީހާވެސް އަވަހަކަށް ހެއްކާ ބެހޭ ޤާނޫނެއް ހަދައި، އަދި ހެކި ރައްކާތެރިކުރެވޭނެ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ އިލްތިމާސްކޮށްފަ އެވެ.