01 Apr 2011, 02:07
ވޭތުވެދިޔަ ހަފުތާގައި ހިންގި އޮޕަރޭޝަން ތަކުގައި މަސްތުވާތަކެތީގެ ތަފާތު މައްސަލަތަކުގައި ތުހުމަތުކުރެވޭ 27 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅޭ ފަރާތްތައް ހޯދަން ފުލުހުން ފެށި އޮޕަރޭޝަންތަކުގައި މިދިއަ މަހުގެ 24 އިން 31 އަށް ފުލުހުން ހައްޔަރު ކޮށްފައިވަނީ 25 ފިރިހެނުންނާއި ދެ އަންހެނުންނެވެ. އަދި އެ މުއްދަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްތުވާތަކެތިކަމަށް ތުހުމަތު ކުރެވޭ ތަކެތީގެ ތެރޭގައި 153 އާދައިގެ ޕެކެޓާއި، ފިލްމު ހުސްކުރި ފަސް ދަޅުގެ އިތުރުން ބްލެޓް ސައިޒުގެ ހަ ޕެކެޓް ހިމެނެ އެވެ.
ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި، މާޗް 24 ވަނަ ދުވަހު އާޓިފިޝަލް ބީޗްގައި މަސްތުވާތަކެތި ވިއްކާ ކަމަށް މައުލޫމާތު ލިބުމުން ފުލުހުން އެ މީހާ ހައްޔަރުކޮށް ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް އަޅާފައިހުރި ފިލްމު ހުސްކުރި ދަޅެއް އޭނާގެ ޖިންސުގެ ޖީބުންވަނީ ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
އަދި މާޗް 27 ވަނަ ދުވަހު މެންދުރެއްހާއިރު ކޯޓް އަމުރެއްގެ ދަށުން މ. ސަންރައިސްގެ ބަލައި ފާސްކުރިއިރު އެގޭ ކޮޓަރިއެއްގެ އަލަމާރި ތެރެއިން މަސްތުވާތަކެތިކަމަށް ތުހުމަތު ކުރެވޭ އެއްޗެއް އަޅާފައިހުރި ރަބަރު ޕެކެޓްތަކެއްވަނީ ފެނުނު ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި 29 ވަނަ ދުވަހު ހަވީރު ގދ. ތިނަދުއަށް ފުރަން އުޅުނު ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް މައުލޫމާތު ލިބުމުން ފުލުހުން ފާސްކުރި އިރު މަސްތުވާތަކެތިކަމަށް ތުހުމަތު ކުރެވޭ އެއްޗެއް އަޅާފައިހުރި ޕެކެޓެއް އެ ބޯޓުންވަނީ ފެނުނެވެ.
އަދި އިއްޔެ ހެނދުނު ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލާފާސްކުރިއިރު އެމީހުންގެ އަތުގައި އޮތް ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ތުހުމަތު ކުރެވޭ އެއްޗެއް އަޅާފައިހުރި ރަބަރު ޕެކެޓްތަކަކާއި ފިލްމުހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.