01 Nov 2015, 16:38
ބަހާމަސް ކައިރިން 33 ފަޅުވެރިންނާ އެކު ގެއްލުނު ކާގޯ ބޯޓު އެލް ފާރޯގެ ބައިތައް ކަމަށް ބެލެވޭ ބައިތަކެއް ބޯޓު އެންމެ ފަހުން އޮތް ކަމަށް ލަފާ ކުރި ތަނުން ފެނިފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފި އެވެ.
އެލް ފާރޯ މި ދިޔަ މަހު ގެއްލިފައި ވަނީ ފުލޮރިޑާ އިން ޕުއެޓެރިކޯ އަށް ދަނިކޮށެވެ. އެއީ 1983ގެ ފަހުން އެމެރިކާގެ ކާގޯ ބޯޓަކަށް ދިމާވި އެންމެ ބޮޑު ހާދިސާ އެވެ.
ގެއްލިފައިވާ ފަޅުވެރިންގެ ތެރެއިން އެކަކުގެ ހަށިގަނޑު ބޯޓު ގެއްލުނުތާ ދުވަސްކޮޅެއް ފަހުން ކަނޑުމަތިން ފެނިފަ އެވެ. ނަމަވެސް އިތުރު މީހަކު ފެނިފައި ނުވެ އެވެ.
ބޯޓު ގެއްލުމުގެ ކުރިން ބޯޓުގެ ކެޕްޓަން ވަނީ ބޯޓައް ގެއްލުންވެ ކޮންމެވެސް ވަރަކަށް ފެން ވަދެފައިވާ ކަން ރިޕޯޓުކޮށްފައި ކަމަށް ނެޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު (އެންޓީއެސްބީ) އިން ބުންޏެވެ. ބޯޓުފެތިފައި ވަނީ އެ މައްސަލައިގެ ސަބަބުން ކަން އަދި ޔަގީން ނުވާ ކަމަށާއި، ބޯޓަށް ވީ ގޮތް ތަހުގީގު ކުރަމުން ދާ ކަމަށް އެންޓީއެސްބީ އިން ބުންޏެވެ.
އެންޓީއެސްބީ އިން އިތުރަށް ބުނި ގޮތުގައި ޔޫއެސް ނޭވީ އިން އާދިއްތަ ދުވަހު ބޯޓުގެ ބައިތައް ތަހުގީގު ކޮށް އެއީ އެލް ފާރޯ ތޯ ޔަގީން ކުރުމަށް، ސީޔޫއާރްވީ 21 ނަމަކަށް ކިޔާ ރިމޯޓުން ކޮންޓުރޯލް ކުރާ އުޅަނދެއް ކަނޑު އަޑިއަށް ފޮނުވާނެ އެވެ. އަދި އެ ތަހުގީގުން ބޯޓުގެ ވޮޔެޖް ޑާޓާ ރެކޯޑާ ފެނިއްޖެނަމަ ބޯޓަށްވީ ގޮތުގެ ތަފްސީލު އެނގޭނެ ކަމަށް އެންޓީއެސްބީ އިން ބުންޏެވެ. ބޯޓެއްގެ ވޮޔެޖް ޑާޓާ ރެކޯޑާ އަކީ މަތިންދާބޯޓެއްގެ ކަޅު ފޮއްޓާ އެއްފަދަ އެއްޗެކެވެ.
މައުލޫމާތު: ސީއެންއެން