މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބަޑި މަދުވުމަކީ އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ކަންބޮޑުވުން އުފެދޭނެ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ބަޑިގުދަނުން ހަތިޔާރު މަދުވުމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށެވެ. އަދި ބަޑިގުދަނުގެ ސެކިއުރިޓީ ނުބެލެހެއްޓި ކުރިމަތިވެފައިވާ ބިރުވެރިކަމުގެ ފުރިހަމަ ޒިންމާ ރައީސް ޔާމީން ނަންގަވަންޖެހޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"އަސްކަރިއްޔާގެ ބެއްލެވުމުގެ ދަށުގައިވާ ބަޑިގުދަނާ ގުޅޭ އެންމެހައި ކަންކަމަކީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުގައިވާ ކަންކަން ކަމުގައިވީ ހިނދު މިއަދު ބަޑިގުދަނުގެ ސެކިއުރިޓީ ނުބެލެހެއްޓި ކުރިމަތިވެފައިމިވާ ބިރުވެރިކަމުގެ ފުރިހަމަ ޒިންމާ ރައީސް ޢަބްދުﷲ ޔާމީން ނަންގަވަންޖެހޭނެ އެވެެ." އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ޑިފެންސް މިނިސްޓަރު އަމީނު ފައިސަލް ވިދާޅުވީ އާންމު ބައެއްގެ އަތައް ސިފައިންގެ ބަޑިގުދަނުގެ ހަތިޔާރުތަކެއް ލިބިފައިވުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. އަދި އެކަމަކީ އާންމު ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީނު ފައިސަލް ވާހަކަފުޅުދައްކަވަނީ: ސަން ފޮޓޯ/ އަލީ ނަސީރު

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމުގެ ގެކޮޅުން ހަތިޔާރު ފެނުނުކަމަށް ބުނެ އެމަނިކުފާނު ހައްޔަރުކުރުމަށް ފަހު އެމްއެންޑީއެފް އިން ހާމަކުރައްވާފައި ވަނީ ބަޑި ގުދަނުން އެއްވެސް ހަތިޔާރެއް ގެއްލިފައިނުވާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ. އެޕާޓީން ބުނީ ރިޔާސީ ލޯންޗުކޮޅުގައި ހިނގި ނުރައްކާތެރި ޙާދިސާއާ ގުޅިގެން ބަޑިގުދަން ބެލެހެއްޓެވުމާ ހަވާލުވެވަޑައިގެން ހުންނެވި ކާނަލް އަޙްމަދު ފަޔާޒު (ޕާޕާ) އެމަގާމުން ވަކި ކުރައްވައި މިހާރު ސިފައިންގެ ބަންދުގައި ހުންނެވި އިރު އޭނާ ބަޑި ގުދަނުގެ ވެރިޔާގެ މަގާމުން ވަކިކުރެއްވުމަށް ފަހު އެތަނުގެ އޮޑިޓެއް ހައްދަވާފައިނުވާކަން ކަންބޮޑުވުމާ އެކު ފާހަގަކުރާ ކަމަށެވެ.

އަސްކަރިއްޔާގެ ބެއްލެވުމުގެ ދަށުގައިވާ ބަޑިގުދަނުން ހަތިޔާރު ގެއްލުނުކަން ހާމަކުރައްވާފައިވާ އިރު، އެކަން އެމްއެންޑީއެފްގެ ސަމާލުކަމަށް އައިސްފައިވަނީ ކޮން އިރެއްގައި ކަމެއް ވިދާޅުވެފައި ނުވާ ކަމަށާއި އެކަން އެނގިވަޑައިގެންނެވި އިރު އެއީ ރައްޔިތުންގެ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްކަމުގައިވީއިރު ވެސް ރައްޔިތުންނާ ޙިއްސާކޮށްފައިނުވާތީ އެކަން އެމްޑީޕީން ވަނީ ކުށްވެރިކޮށްފަ އެވެ. އެފަދަ ބޮޑު ކަމެއް ހިނގިއިރު އިއްޔެ ސަލާމަތީ ބާރުތަކުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވެފައި ވަނީ އެއީ ރައްޔިތުން ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމުގައި ވިދާޅުވެފައި ވާތީ އެމްޑީޕީން ވަނީ އެފަދަ ވާހަކަތައް ނުދެއްކުމަށް އެ ދެ މުއައްސަސާއަށް އިލްތިމާސްކޮށްފަ އެވެ.