01 Nov 2015, 16:00
ވޮޝިންޓަން (ނޮވެމްބަރު 1) : އެމެރިކާ އިން ސޫރިޔާއަށް އެއްގަމު ސިފައިން ފޮނުވި ނަމަވެސް ސޫރިޔާގެ ހަނގުރާމައިގެ މައިދާނުގައި ސީދާގޮތެއްގައި އެމީހުން ހަރަކާތްތެރިނުވާނެ ކަމަށް އެމެރިކާ ބުނެފި އެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވިދާޅުވީ އެމެރިކާ އިން ސޫރިޔާއަށް ފޮނުވާ އެއްގަމު ސިފައިން ސޫރިޔާ ސަރުކާރާ ދެކޮޅަށް ހަނގުރާމައިގެ އެއްވެސް ހަރަކާތެއް ނުހިންގާނެ ކަމަށާ އަދި ސޫރިޔާގެ ހަނގުރާމައިގެ މައިދާނުގައި ސީދާގޮތެއްގައި އެމީހުން އެއްގޮތަކަށް ވެސް ހަރަކާތްތެރި ނުވާނެ ކަމުގަ އެވެ. ކެރީ ވިދާޅުވީ އެމެރިކާގެ ސިފައިން ސޫރިޔާއަށް ފޮނުމުގެ ބޭނުމަކީ އައިއެސް ޖަމާއަތް ބަލިކުރުމަށް އިތުރު ބާރެއްލުންކަމުގަ އެވެ. އެހެންކަމުން ސޫރިޔާއަށް ފޮނުވާ އެމެރިކާގެ ސިފައިން މަސައްކަތްކުރާނީ އައިއެސްއާ ދެކޮޅަށް ސީދާ ގޮތެއްގައި އެއްގަމު މަގުން ހަނގުރާމަކުރާ ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކަށް އަސްކަރީ ތަމްރީނާއި އަސްކަރީ މަޝްވަރާ ދިނުމުގެ ދާއިރާގަ އެވެ.
އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަން އިން ބުނާގޮތުން އެމެރިކާއިން ސޫރިޔާއަށް ފޮނުވަނީ އަސްކަރީ ފަންނީ އިންޖިނޭރުންނާއި ހަނގުރާމައިގެ ތަޖްރިބާކާރުންނާއި ކޮންސަލްޓަންޓުންނެވެ. އެއީ 50 އާއި 70 އާ ދެމެދުގެ އަދަދެއްގެ މީހުންކަމަށް ރިޕޯޓްތައް ބުނެ އެވެ. މި ބައިމީހުންގެ ލަފައާއި ފަންނީ އެހީއާއި އަސްކަރީ ތަމްރީން ދޭނީ އެމެރިކާގެ ތާއީދު ލިބިފައިވާ ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ފްރީސީރިޔަން އާމީ ޖަމާއަތަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. (އަލްޖަޒީރާ)