01 Apr 2011, 01:58
ޑޮލަރުގެ ދަތިކަން ރާއްޖެއަށް އައިސްފައި ވަނީ ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ކަމަށާއި، އޭގެ ޒިންމާ ނަގަންޖެހޭނީ ވެސް ސަރުކާރުން ކަމަށް ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.
ޑީއާރުޕީގެ ތަސްމީން ފެކްޝަނާއި ގައުމީ ޕާޓީ ގުޅިގެން ކަލާފާނު ސްކޫލްގައި މިރޭ ބޭއްވި ޖަލްސާގައި ޑރ. ހަސަން ވިދާޅުވީ، ޑޮލަރު ނުލިބުމުގެ ޒިންމާ ވިޔަފާރިވެރިންގެ ބޮލުގައި ސަރުކާރުން އަޅުވަމުންދަނީ އެއްވެސް ސަބަބަކާ ނުލައި ކަމަށެވެ.
"ރާއްޖެއަށް ވަންނަ ޑޮލަރުގެ އަދަދު މަދެއް ނޫން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދެއްނުވޭ. ނިމިދިޔަ ޖެނުއަރީ މަހު އެކަނި ފަތުރުވެރިކަމުގެ ދާއިރާއިން ޖީއެސްޓީގެ ނަމުގައި ނަގާފައިވާ ޓެކްސްއިން ހަމައެކަނި ހަތް މިލިޔަން ޑޮލަރަށްވުރެ ގިނައިން ސަރުކާރަށް ލިބުނު. ފެބްރުއަރީގައި 6.5 މިލިޔަން ޑޮލަރު ލިބުނު. މީ ހަމައެކަނި އެންމެ ބާވަތެއްގެ ޓެކުހުން ލިބުނު އަދަދު އަދި ކޮބައިތޯ ލޭންޑް ޓެކްސް ބެޑް ޓެކްސް، ތަފާތު ނަންނަމުގައި ނަގާ ޓެކްސް" ހަސަން ސައީދު ވިދާޅުވި އެވެ.
~
ޑރ. ހަސަން ވިދާޅުވީ، ޑޮލަރުގެ މައްސަލަ ދިމާވެގެން އުޅެނީ، ސަރުކަރުން ފައިސާ ހޭދަކުރާ ގޮތުން ކަމަށެވެ. އަދި މި ސަރުކާރު ވެރިކަމަށް އައިސް ބޭރުގެ ފަރާތްތަކުން ނެގި ލޯނުތައް، ލިބޭ ކުޑަ ޑޮލަރުކޮޅުން ދައްކަމުން ދިއުމަކީ ވެސް ޑޮލަރުގެ ދަތިކަން ދިމާވި ކަމެއް ކަމަށް ވެސް ޑރ. ހަސަން ވިދާޅުވި އެވެ.
"ތިމަންނަމެންނަށް 100 މިލިޔަން ޑޮލަރު ލިބިއްޖެޔޭ 50 މިލިޔަންޑޮލަރު ނަގައިފީމޭ ކިޔާހެދި. އެއީ ދައްކަންޖެހޭ އެއްޗެއް ކަމެއް އޭރަކު ހަނދާނެއް ނެތް. އަނެއް ކަމަކީ، ޑޮލަރުތައް އެކްޓިވިސްޓުންނަށް އަމާޒުކޮށްގެން ހޭދަކުރުން. ރާއްޖޭގެ އިގްތިސާދަށް މިއަދު ބޭނުންވާ ކަމެއް ނޫން ގުޅީފަޅު ހިއްކުމަކީ. އިގްތިސާދަށް މަންފާއެއް ނުކުރާނެ ތިލަފުށި ހިއްކައިގެންނެއް. ނަމަވެސް ދެ ޕްރޮޖެކްޓްގެ ނަތީޖާއަކަށް ވަނީ ރާއްޖޭގައި ބޭނުންކުރަމުން އައި ފަސް މިލިޔަނަށްވުރެ ގިނަ ޑޮލަރު ބޭރުވެގެން ދިއުން،" ޑރ. ހަސަން ވިދާޅުވި އެވެ.
ޑރ. ހަސަން ވިދާޅުވީ، އެއާޕޯޓަކީ ސަރުކާރަށް ހަމައެކަނި އަހަރަކު 30 މިލިޔަން ޑޮލަރުގެ ފައިދާ ދައްކަމުންއައި ތަނެއް ކަމަށެވެ. އަދި އެއީ ރާއްޖެއަށް ވަންނަ ޑޮލަރު ހަރުލާތަނެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ނަމަވެސް ހުރިހާ އެއްޗެހި މިހާރު އެހެރީ ތިޖޫރީއަކަށް ލައިފަ އެ ތިޖޫރީގެ ތަޅުދަނޑި ޖީއެމްއާރަށް ދީފައި. ރާއްޖެއިން ބޭރަށް ގެންދިއުމުގެ ލައިސަންސެއްދީފައި. އެއާޕޯޓުން ކޮންމެ ބޭފުޅެއްގެ ބޮލަށް ޖީއެމްއާރުން 250 ޑޮލަރު ނަގާ. އެ ހުރިހާ އެއްޗަކީ ބޭރަށްދާ އެއްޗެހި،" ޑރ. ހަސަން ވިދާޅުވި އެވެ.
މި ސަރުކާރު އައިފަހުން ސަރުކާރަށްއޮތް އިތުބާރު ގެއްލި، ރާއްޖެއަށް ބިލިޔަން ޑޮލަރަށްވުރެ ގިނައިން ލޯނުދެމުން އައި ބޭންކުތައް ލޯނު ދިނުން ހުއްޓާލާފައިވާކަމަށް ވެސް ޑރ. ހަސަން ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ދިވެހިންނަށް ލޯނު ނުލިބި، ކުރާނެ ވިޔަފާރިއެއްނެތް ކަމަށް އޭނާ ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ދުވާލަކު ދެ ދަންފަޅިއަށް ސަރުކާރުގެ ސިޔާސަތު ބަދަލުވަމުންދިއުމާ ގުޅިގެން އިންވެސްޓަރުންގެ އިތުބާރު ގެއްލި ރާއްޖެއަށް އިންވެސްޓަރުން އައުން ހުއްޓިފައިވާ ކަމަށާއި ރާއްޖެއަށް ވިޔަފާރިވެރިން ނާންނަހުރި ހުރިހާ ހުއްޖަތެއް ސަރުކާރުން ދައްކާ ކަމަށެވެ.
"ގައުމެއްގެ ރައީސަކު ދިހަ އަހަރުތެރޭގައި ގައުމު އަޑިއަށްދާނެއޭ ބުނީމަ އިންވެސްޓަރުން އަންނާނެތޯ. އިންޑިޔާގައި ބޮން ގޮއްވަނީ، އަފްޣާނިސްތާނުގައި ޖިހާދު ކުރަނީ ދިވެހިންނޭ ބުނީމަ އެފަދަ ގައުމަކަށް އަންނާނެތޯ. ރައީސް ގާނޫނު އަސާސީއަށް އިހްތިރާމް ނުކުރާ ގައުމަކަށް އިންވެސްޓަރުން އަންނާނެތޯ. ފަނޑިޔާރުންނަކީ ވަގުންނޭ، ކޯޓްތަކަކީ ބަލައިގަންނަ އެއްޗެއް ނޫނޭ ބުނެގެން އަންނާނެތޯ. އަދުލު އިންސާފު ލިބޭނެކަމުގެ ޔަގީންކަންނެތް ގައުމަކަށް ބުރަ މަސައްކަތުން ހޯދާ ލާރިކޮޅެއް ނުގެންނާނެ،" ޑރ. ހަސަން ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދުނިޔޭގެ މަޝްހޫރު ބޮޑެތި ކުންފުނިތައް ރާއްޖެއައިސްފައިވަނީ، ކޯޓުތަކާބެހޭ ގާނޫނެއް، ބޭންކިންއާބެހޭ ގާނޫނެއްނެތް ދުވަސްވަރެއްގައި ކަމަށެވެ. އެކަމަކު އޭރު އެމީހުންނަށް އިންސާފު ލިބޭނެކަމުގެ ޔަގީންކަން އޮންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
" ޝެރެޓަން، ހިލްޓަން، ފޯސީޒަން މިހުރިހާ މަޝްހޫރު ދުނިޔޭގެ ބްރޭންޑްތައް ރާއްޖެއައީ ބޭންކިންއާބެހޭ ގާނޫނެއްވެސް ނެތިސް. ކޯޓުތަކާބެހޭ ގާނޫނެއްނެތް ދުވަސްވަރެއްގައި. ރާއްޖޭގެ ސުޕްރީމްކޯޓު އޮތީ ރައީސްއޮފީހުގެ ކުޑަކުޑަ ސެކްޝަނެއްގެ ގޮތުގައި. އުއްތަމަ ފަނޑިޔާރަކީ ރައީސް ބޭނުންފުޅުވި އިރަކުން އައްޔަންކުރައްވާ ބޭފުޅެއް. ނަމަވެސް އޭރު އެމީހުން އެތައް މިލިޔަނެއް އިންވެސްޓުކުރި އޭރު އެނގޭ ދުވާލު ދެ ދަންފަޅިއަށް ސަރުކާރުގެ ސިޔާސަތު ބަދަލު ނުވާނެކަން. ޝަރުއީ ކޯޓުތަށް ގޮއްސިއްޔާ އެ އޮންނަ އިންސާފެއް އެމީހުންނަށް ވެސް ލިބޭނެކަން" ޑރ. ހަސަން ވިދާޅުވި އެވެ.
ޑރ. ހަސަންގެ ވާހަކާގައި، ގައުމަށް ދިމާވެފައިވާ އިގްތިސާދީ މައްސަލަ ހައްލު ކުރުމަށް ގައުމީ ޕާޓީއާ ޑީއާރުޕީ ގުޅީގެން ސިޔާސަތުތަކެއް ކަނޑައެޅުމަށް ގޮވައިލެއްވި އެވެ.