01 Nov 2015, 15:03
ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ. ހިބަޅިދޫ ފަޅުތެރެއިން ފުލުހުންނާއި ސިފައިން ހޯދި ހަނގުރާމަވެރި ހަތިޔާރަކީ އެ ރަށުގައި ރިސޯޓު ތަރައްގީކުރާ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މ. ސެސްނާ މުހައްމަދު އައްލާމް ލަތީފާ ގުޅުންހުރި އެއްޗެއް ނޫން ކަމަށް އޭނާގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.
މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ސުއޫދު ވިދާޅުވީ އެ ހަތިޔާރަކީ އައްލާމާ ގުޅުމެއް ހުރި އެއްޗެއް ނޫން ކަމަށާއި އަދި އެތަކެއްޗާ ގުޅޭ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށް އައްލާމް ބުނާ ކަމަށެވެ.
ސުއޫދު ވިދާޅުވީ އައްލާމް ހުރީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުންދޭން ތައްޔާރަށް ކަމަށާއި އޭނާ އަކީ އެއްވެސް ގޮތަކަށް ފިލައިގެން އުޅޭ މީހެއް ނޫން ކަމަށެވެ.
އައްލާމް ވިހާރު ހުރީ ކޮންތާކުތޯ އާއި އަދި އޭނާ ރާއްޖެއައިސް ފުލުހުންނާއި ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ އެންގުމާ އެއްގޮތަށް ފުލުސް އޮފީހަށް ހާޒިރުވާނެތޯ ދެންނެވުމުން ސުއޫދު ވިދާޅުވީ ސީދާ އައްލާމާ ވާހަކަ ދެއްކޭގޮތް ނުވުމުން އެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.
"އައްލާމް ވިދާޅުވީ ތިމަންނަ ޖަވާބުދާރީވާނަމޭ. އަޅުގަނޑަކާ ސީދާސީދާއެއް ނޫން ގުޅުއްވީކީ. އެހެންމީހެއްގެ ފޯނު މެދުވެރިކޮށް އަޅުގަނޑާ ގުޅުއްވާފަ އިނީ. އަޅުގަނޑަކަށް ވެސް އޭނަ ހުންނެވި ތަނެއް ނޭނގެ،" ސުއޫދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައްލާމް ހޯދަނީ އެކަމުގެ އައްލާމްގެ ބައިވެރިވުމެއް އޮވެގެން ނޫން ކަމަށާއި އައްލާމް ހޯދަނީ ނައިބު ރައީސް އަހްމަދު އަދީބާ އޮންނަ ރަހުމަތްތެރިކަމުގެ ގުޅުމެއްގެ ސަބަބުން ކަމަށް އައްލާމް ބުނެފައިވާ ކަމަށެވެ.
ފުލުހުން އިއްޔެ ދެއްކި ބައެއް ހަތިޔާރުތަކަކީ ސިފައިންގޭގެ ހަތިޔާރު ކަމުގައިވާ އިރު އެތަކެއްޗަކީ އައްލާމަށް ވާސިލުވެވޭނެ އެއްޗެއް ނޫން ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ އައްލާމަކީ ތަހުގީގަށް ވަރަށް މުހިންމު މީހެއް ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށެވެ.