01 Nov 2015, 15:09
ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރާ ގާތްގުޅުމެއް އޮންނަ ވިޔަފާރިވެރިއެއް ކަމުގައިވާ ހާމިދު އިސްމާއީލް (ހާމިދު ސޭޓު) ހައްޔަރުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް އިންޒާރުދިން މައްސަލައެއްގެ ތުހުމަތުގައި ކަމަށް އޭނާގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.
ސުއޫދު މިއަދު ވިދާޅުވީ ހާމިދު ސޭޓު ހައްޔަރުކޮށްފައި ވަނީ މިމަހުގެ 12 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އަށް ނިސްބަތްކޮށް ވައިބާ މެދުވެރިކޮށް އިންޒާރުންދިން ކަމުގެ ތުހުމަތުގައި ކަމަށެވެ. ނަމަވެސް އިންޒާރުދިންގޮތުގެ ތަފްސީލު އެނގިވަޑައިނުގަންނަވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހާމިދު ސޭޓުގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ޓަކައި މާދަމާ ހައިކޯޓަށް ހުށަހަޅާނެ ކަމަށެވެ.
ހާމިދު ހައްޔަރުކޮށްފައި ވަނީ އޭނާ މެލޭޝިއާގައި ހުއްޓައި އެގައުމުގެ ފުލުހުންނެވެ. މެލޭޝިއާއަށް ނުދެވޭ ގޮތަށް އޭނަ ވަނީ މިހާރު ޑީޕޯޓުކޮށްލައިފަ އެވެ.
ފުލުހުން މީގެކުރިން ވަނީ އެތައްފަހަރަކު ހާމިދުގެ ގެ ކަމުގައިވާ މ. ޝުރާމަންޒިލް ކޯޓު އަމުރެއްގެދަށުން ބަލައިފާސްކޮށް އެގެއިން ބައެއް ތަކެތި ގެންގޮސްފަ އެވެ.