ރިއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ބައިނަލަގްވާމީ ފޯވާޑް ގެރެތް ބޭލްހޯދުމަށް މެންޗަސްޓާ ޔުނައިޓެޑް އިން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

އިނގީރޭސި ނޫސް ސަންޑޭ ޕީޕަލް އިން ހާމަ ކުރި ގޮތުގައި ޔުނައިޓެޑް ގެ ކޯޗް ލޮއިސް ވެންހާލް އެ ޓީމަށް މިވަގުތު ދިމާވެފައިވާ ލަނޑު ނުޖެހުމުގެ މައްސަލަ ހައްލުކުރުމަށް އެންމެ ގެންނަށް ބޭނުންވާ ކުޅުންތެރިއަކީ ވޭލްސްގެ ބައިނަލަގްވާމީ ތަރި ބޭލް ކަމަށާއި އެކަމަށް ޔުނައިޓެޑުން ބިޑް ކުރަން އޮތީ ތައްޔާރަށް ކަމަށެވެ.

މިއަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ރެއާލް އިން ޔުނައިޓެޑްގެ ސްޕެއިން ކީޕަރު ޑޭވިޑް ޑެހެއާ ހޯދުމަށް އެޓީމާއެކު އެއްބަސްވެ އެންމެ ފަހު ވަގުތަށް ލަސްކުރުމުން ވަނީ ވަގުތު ހަމަވެ ޓްރާންސްފާގެ ދޮރު ބަންދުވެފަ އެވެ. ޑެހެއާ ޔުނައިޓެޑާއެކު އިތުރު އެއްބަސްވުމެއް ހަދާފާވާއިރު ރެއާލް އިން ވަނީ ޔުނައިޓެޑަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ނަމަވެސް އުމުރުން 26 އަހަރުގެ ބޭލް ހޯދުމަށް ޔުނައިޓެޑުން މަސައްކަތް ކުރިކުރުމުގައި ވީ ނަމަވެސް އެ ޓީމުން ދެން ޑެހެއާގެ ޓްރާންސްފާއާ ގުޅޭ އެއްވެސް ވާހަކަ އެއް ރެއާލްއާ ނުދައްކާނެ ކަމަށާއި އެ ކަމުގެ ސަބަބުން ދެ ޓީމް ދެމެދުގައި އެއްވެސް މައްސަލައެއް ޖެހިފައި ނުވާ ކަމަށް ޔުނައިޓެޑް ގެ ވައިސް ޗެއާމަން އެޑްވާޑް ވުޑްވާޑް ވަނީ ބުނެފައެވެ.

ޔުނައިޓެޑުން އެންމެ ހޯދަން ބޭނުންވާ ބޭލްގެ ޓުރާންސްފާގައި ކަމިޔާބީއަކާ ހަމައަށް ވާސިލް ނުވެއްޖެ ކަމުގައި ވާނަ، ރަނގަޅު ފޯވާޑެއް ހޯދަން ބޭނުންވެފައިވާ އެ ޓީމުން ދެން ފާރަލާނެ ދެ ކުޅުންތެރިންނަކީ ބަޔާން މިއުނިކް ގެ ތޯމަސް މުލާއާއި ރޮބަޓް ލެވެންޑޯސްކީ އަށް ކަމަށް ވަނީ ބެލެވެންފަށާފައެވެ.

ޓްރާންސްފާގެ ހަބަރުތަކާއި ގުޅިގެން ރެއާލް ގެ ބީ ޓީމްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނީ އެ ޓީމްގެ އެންމެ މުހިންމު އަދި ދުނިޔޭގެ އެންމެ އަގު ބޮޑު ދެ ކުޅުންތެރިން ގޮތުގައި ހުރި ކުރިސްޓިއާނޯ ރޮނާލްޑޯ އަދި ބޭލް ވިއްކާލުމަކުން އެ ޓީމަށް ވާނެ އެއްވެސް ފައިދާއެއް ނޯއްނާނެ ކަމަށާއި އެ ޓީމުން އެ ދެ ކުޅުންތެރިން ވިއްކާ ނުލާނެ ކަމަށެވެ.

ޓޮޓެންހަމް އިން ރިކޯޑް ފީ އެއް ކަމަށް ވާ 85 މިލިއަން ޕައުންޑް އަށް 2013 ވަނަ އަހަރު ރެއާލް އަށް ބަދަލުވި ބޭލް އެ ޓީމްގައި ތިން ސީޒަން ހޭދަކޮށްފައިވާ އިރު މެޑްރިޑް ގެ ސަޕޯޓަރުންގެ އެކަށީގެންވާ ސަޕޯޓް ވަނީ އަދި ލިބޭ ގޮތް ނުވެފަ އެވެ. މިކަމުގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ މެޑްރިޑް ގެ ސަޕޯޓަރުންގެ މެދުގައި އެންމެ މަގްބޫލް ކުޅުންތެރިއާ ކަމަށް ވާ ރޮނާލްޑޯއާ ދެމެދު އޮންނަ ގުޅުން ކުޑަވުމެވެ.