ކުޑަކުދިންގެ ހިޔާއަށް ދާއިމީ ގޮތެއްގައި އެހީތެރިވަމުން އަންނަ އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ލީޑަޝިޕް އެކަޑަމީއާ އެކު އެ ހިޔާއިން ރޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ކުޑަކުދިންގެ ހިޔާއަށް ނުވަ އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ ބޭއްވި ހަފުލާއެއްގައި ކުޑަކުދިންގެ ހިޔާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެތަނުގެ ސީއީއޯ ޒީނާޒް އަދުނާނެވެ.

އާކްއާ ކުޑަކުދިންގެ ހިޔާއާއި ދެމެދު ސޮއިކުރި އެއްބަސްވުމުގައި އާކްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު ޒެނީޝާ ޒަކީ އެވެ. އަދި ލީޑަޝިޕް އެކަޑަމީއާ އެކު ސޮއިކުރި އެއްބަސްވުމުގައި އެ އެކަޑަމީގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑައިރެކްޓަރު އަޙުމަދު ނަސީރެވެ.

ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ކުޑަކުދިންގެ ހިޔާގެ ސީއީއޯ ޒީނާޒް ވިދާޅުވީ ދާއިމީ ގޮތެއްގައި އެހީތެރިވެދޭ ފަރާތްތަކާއި އެކު އެއްބަސްވުން ގާއިމް ކުރުމުގެ ބޭނުމަކީ އެފަރާތްތަކުން ފޯރޮކޮށްދޭ އެހީތެރިކަމުގެ ކަންތައްތައް ރަނގަޅު އިންތިޒާމަކުން ބެލެހެއްޓުން ކަމަށެވެ.

ކުޑަކުދިންގެ ހިޔާއާއަށް އެހީތެރިވެދޭ ފަރާތްތައް ފާހަގަކޮށް ހަނދާނީ ލިއުން ދިނުން ވެސް ރޭގެ ހަފުލާގައި އޮތެވެ. ހަފުލާ ޝަރަފުވެރިކޮށްދެއްވީ އެޓާނީ ޖެނެރަލް އަދި މިނިސްޓަރް އޮފް ލޯން އެންޑް ޖެންޑާ މުޙައްމަދު އަނިލް އެވެ.