01 Nov 2015, 12:54
މިދިޔަ މަހުގެ 28 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ނޭޝަނަލް އިންކުއަރީ ކޮމިޝަނުން ހިންގާ ތަހުގީގަށް ބޭނުންވާ އަށް މީހަކު ރާއްޖެ އިން ބޭރުގައި އުޅެމުންދާ ކަމަށާއި އެމީހުންވީ އެންމެ އަވަހަށް އެނބުރި ރާއްޖެއައުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު އިންޒާރު ދެއްވައިފި އެވެ.
މިއަދު ހެނދުނު އިންކުއަރީ ކޮމިޝަނުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ ރާއްޖެ އިން ބޭރުގައި ތިބި އަށް މީހުން ހޯދުމަށް އިންކުއަރީ ކޮމިޝަނުން ބޭނުންވާ ކަމަށެވެ. އަދި މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އުމަރު ވަނީ ރާއްޖެއިން ބޭރުގައި ތިބި އަށް މީހުން އެނބުރި ރާއްޖެއަށް ގޮވައިލައިފަ އެވެ.
ރާއްޖެއިން ބޭރުގައި ތިބި 8 މީހުން:
- މުހައްމަދު އައްލާމު ލަތީފު (މޮހޯ)، މ.ސެސްނާ
- މުހައްމަދު ހުސައިން (އޮއިއްޓޭ)، ގ. އޮއެވާލި
- މުހައްމަދު ވިޝާމް (ވިޝް)، ވައިޖެހޭގެ ހއ. މުރައިދޫ
- އަހުމަދު ފާތިހު (ބެންޖޯ)، ރަތްބަގީޗަގެ ކ.ދިއްފުށި
- މުހައްމަދު އަސީލު އަހުމަދު، ހ. އައިދާ
- އަހުމަދު އަޝްރަފު (ޝުމްބާ ގޮންގު)، ނައިލޯނުގެ ޅ. ނައިފަރު
- ހުސައިން ޝިނާނު، ހ. ރަންވިލާގެ
- އަހުމަދު އިޝްފާހު އަލީ، މ. ލޭންޑު އޮފް ގާޑަން
"އަޅުގަނޑު މި މީހުންނަށް އަދި މި މީހުންގެ އާއިލާއަށް މި މީހުންގެ އަނބިދަރީންނަށް އަދި މި މީހުންގެ މައިންބަފައިންނަށް އަޅުގަނޑު ގޮވާލަން މި މީހުންނަށް އަންގަން ރާއްޖެ އަށް މިހާރު އަނބުރާ އަންނަން އައިސް މި ތަހުގީގަށް އެއްބާރުލުން ދޭން،" އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ އިންކުއަރީ ކޮމިޝަނުގެ އެންގުމަށް އަމަލު ނުކޮށްފި ނަމަ އިންޓަޕޯލު މެދުވެރިކޮށް ރެޑު ނޯޓިސް ނެރޭނެ ކަމަށެވެ. އުމަރު ވިދާޅުވީ އެ އަށް މީހުންނާ ގުޅޭ ފުރިހަމަ މައުލޫމާތުތައް ފުލުހުންގެ ވެބުސައިޓުގައި ވެސް މިހާރު އާންމުކޮށްފައިވާނެ ކަމަށެވެ.
ލޯންޗުކޮޅުގެ ހާދިސާއާ ގުޅިގެން މިހާރުވެސް ބަޔަކު މީހުން ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހުންގެ ފަރާތުން ލިބޭ މައުލޫމާތުތައް ވެސް ތަހުގީގުގައި ބޭނުން ކުރަމުން އަންނަ ކަމަށް އުމަރު ވިދާޅުވި އެވެ.
"މި މީހުންނަކީ ހަމަ ސީދާ މި ތަހުގީގަށް [ލޯންޗުކޮޅުގައި އެއްޗެއް ގިވި ހާދިސާގެ ތަހުގީގު] ބޭނުންވާ އަށް މީހުން. ދެން އެ މީހުންނާއި ސުވާލު ކުރާއިރު އެކި ސުވާލުތައް އަޅުގަނޑުމެންނަށް ކުރެވިދާނެ. އޭގެތެރޭގައި އެމްއެމްޕީއާރްސީއާ ގުޅުންހުރި ސުވާލުތައް އަޅުގަނޑުމެންނަށް ކުރަންޖެހިދާނެ އަދި މި ބޮމާ ގުޅޭ ސުވާލުތައް ވެސް ކުރަންޖެހިދާނެ. ހެކި ނައްތާލުމާ ގުޅޭ ސުވާލުތައް ވެސް ކުރަންޖެހިދާނެ. އަދި އަޅުގަނޑުމެން ހޯދި އެކި އެކި ހެއްކާއި ގުޅޭ ސުވާލުތައް ވެސް އަޅުގަނޑުމެން ކުރަންޖެހިދާނެ،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ މީގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ތިބީ ލަންކާއާއި ބެންކޮކުގެ އިތުރުން ކައިރި އަވަށްޓެރި ގައުމުތަކުގައި ކަމަށެވެ.