ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ލޯންޗުކޮޅުގައި ބޮންގޮއްވާލި ކަމުގެ ތުހުމަތުގައި ވަގުތު އޮންލައިންގެ ހިއްސާ މަރުގެ އިންޒާރުދީގެން އަތުލި ކަމަށް ތުހުމަތު ކުރެވޭ ހއ. މުރައިދޫ ވައިޖެހޭގޭ މުހައްމަދު ވިޝާމް ހޯދަން ނޭޝަނަލް އިންކުއަރީ ކޮމިޝަނުން އިއުލާންކޮށްފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންކުއަރީ ކޮމިޝަންގެ ކޯ ޗެއާ އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ލޯންޗުކޮޅުގައި ބޮންގޮއްވާލި މައްސަލައިގައި ވިޝާމް ހިނެނޭ ގޮތަށް އަށް މީހަކު ހޯދަން އިއުލާންކޮށްފަ އެވެ.

އެ އެންމެން އަމިއްލައަށް ރާއްޖެއައިސް ފުލުހުންގެ އިދާރާއަށް ހާޒިރުނުވެއްޖެ ނަމަ އިންޓަޕޯލް މެދުވެރިކޮށް އެމީހުން ހޯދަން ރެޑްނޯޓިސް ނެރޭ ކަމަށް ވެސް މިނިސްޓަރު އުމަރު ވިދާޅުވި އެވެ.

ވަގުތު އޮންލައިންގެ ދެ އިސްވެރިއެއްގެ ގެ ބަލައިފާސްކުރުމަށް އިއްޔެ ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ އެ ނޫހުގެ ޗީފް އެޑިޓަރު މުޝައްރަފް ހަސަން ދީދީ ހ. ހިޔާކޯޅިގެއަށް ވެއްދުމަށް ފަހު އޭނާ އަށް ބިރުދައްކައި މަރުގެ އިންޒާރުދިނުމަށް ފަހު އެ ނޫހުގައި އޮންނަ އޭނާގެ ހިއްސާ ވިޝާމްގެ ނަންމައްޗަށް ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

މުޝައްރަފަށް ބިރުދައްކައި މަރުގެ އިންޒާރުދީފައި ވަނީ އޭނާ އެ އެއްބަސްވުމުގައި ސޮއިކުރަން އިންކާރުކުރުމުން ކަމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.

ހ. ހިޔާކޯޅިއަކީ މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އަބްދުﷲ ޒިޔަތު ވެސް ދިރިއުޅުއްވާ ގެކޮޅެވެ. ކޯޓު އަމުރެއްގެ ދަށުން ފުލުހުން މީގެކުރިން ވަނީ އެގެ ބަލައިފާސްކޮށްފަ އެވެ.