01 Nov 2015, 12:18
ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މީހުންގެ މައްޗަށް ޝަރީއަތް ހިންގުން އަވަސް ކުރުމަށް ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ގޮވާލައިފި އެވެ.
ޕީޕީއެމާއި އެމްޑީއޭ އަދި ޖޭޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ބ. ހިބަޅިދޫން ނުރައްކާތެރި ހަތިޔާރު ފެނިގެން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ހުތޫއަތްތެރި ދަނޑިވަޅުގައި ރައީސް ޔާމީނަށާއި ސަރުކާރުގެ އިދާރާތަކަށް ދެވެން އޮތް އެއްބާރުލުމެއް މަޖިލީހުގެ ތެރެއިން ދޭނެ ކަމަށް ބަޔާނުގައިވެ އެވެ.
އަދި ރައީސް ޔާމީނަށް ހަމަލާދިނުމަށް ހިންގި އުދުވާނުގައި ބައިވެރިވި ހުރިހާ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެނެސް، އެ ނުރައްކާތެރި އަމަލު ހިންގި ބަޔަކަށް ހައްގުވެގެންވާ އަދަބު ލަސްތަކެއް ނުވެ ލިބޭނެކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އޭގެ އިތުރުން ހިބަޅިދޫން ހަތިޔާރު ފެނުމާއި ރައީސްގެ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލަޔާ ގުޅުމެއް ވާކަމަށް ފުލުހުން އިއްޔެ ބުނެފައި ވާތީ، އެކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި މީހުންނާއި އެ އަމަލު ހިންގުމުގައި ބައިވެރިވާކަމަށް ބެލެވޭ މީހުންނާމެދު އަވަސް ޝަރީއަތެއް ހިންގުމަށް ވެސް ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ނެރުނު ބަޔާނުގައިވެ އެވެ.
"މިއީ މުޅި ގައުމަށް ދީފައިވާ ޓެރަރިޒަމްގެ ހަމަލާއެއް ކަމުގައި އަޅުގަނޑުމެން ދެކޭތީ، މިއަމަލު ހިންގި ފަރާތްތަކަށް ގާނޫނުގައި ވާ އެންމެ ހަރުކަށި އަދަބު ދިނުމަށް އަޅުގަނޑުމެން އިންތިހާބުކުރި އެންމެހާ ލޮބުވެތި ރައްޔިތުންގެ ނަމުގައި މި ފުރުސަތުގައި ގޮވާލަން،" އެ ބަޔާނުގައިވެ އެވެ.