އަންކަރާ (ނޮވެމްބަރު 1) : ތުރުކީގައި ބާއްވާ އާންމު އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު ހަތްގަޑި ސުންމިނިއްޓުގައި ފެށިގެން ކުރިޔަށް އެބަދެ އެވެ.

ތުރުކީގެ މީޑިއާ ބުނާ ގޮތުން ހެނދުނު 7 ޖެހިއިރު ވެސް އިސްތަންބޫލްއާއި އަންކަރަ ފަދަ ބޮޑެތި ސިޓީތަކުގައިވާ ވޯޓުލާ މަރުކަޒުތަކުގައި ގިނަ ބަޔަކު ވަނީ ކިޔޫގައި ޖެހިފަ އެވެ. މިއަދު ފެށުނު އާންމު އިންތިޚާބުގައި ތުރުކީގެ ރައްޔިތުންގެ ތެރެއިން 54 މިލިޔަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. ތުރުކީގެ މަސްއޫލުވެރިންވަނީ މިއިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 90 ޕަސެންޓް މީހުން ވޯޓުލުމުގައި ބައިވެރިވާނެ ކަމަށް ލަފާކުރައްވާފަ އެވެ.
މިއީ މި އަހަރު ތެރޭގައި ތުރުކީގައި ބާއްވާ ދެވަނަ އާންމު އިންތިޚާބެވެ. މިދިޔަ ޖޫންމަހުގައި ވެސް ތުރުކީގައި އާންމު އިންތިޚާބެއް ބާއްވާފައިވެ އެވެ. ވެރިކަންކުރާ ޖަސްޓިސް އެންޑް ޑވެލޮޕްމެންޓް ޕާޓީއަށް އެއިންތިޚާބުގައި ތުރުކީ ޕާލަމެންޓްގެ އަޣްލަބިއްޔަތު ނުލިބުމުގެ ސަބަބުން އެޕާޓީއަށްވަނީ ސަރުކާރެއް އެކުލަވާލުމުގެ ފުރްސަތު ގެއްލިފަ އެވެ. އަދި އެހެން ޕާޓީތަކާ ގުޅިގެން ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް ޖަސްޓިސް ޕާޓީން ކުރި މަސައްކަތްވެސްވަނީ ނާކާމިޔާބުވެފަ އެވެ. އެހެންކަމުން މިހާރު ކުރިޔަށްދާ އިންތިޚާބަކީ ޖަސްޓިސް ޕާޓީން އެގައުމުގެ ވެރިކަން ކުރިޔަށް ގެންދާގޮތާމެދު ރައްޔިތުން ރުހޭކަން ނުވަތަ ނުރުހޭކަން ކުރިޔަށްވުރެ ވެސް ބޮޑަށް އެނގިގެންދާނެ އިންތިޚާބެއްކަމަށް ވަނީ ބެލެވިފަ އެވެ.

އިންތިޚާބު ފެށުމުގެ ކުރިން އެންމެ ފަހުން ނަގާފައިވާ ޚިޔާލު ހޯދުމުގެ ސާވޭތައް ދައްކާގޮތުން ޖަސްޓިސްޕާޓީ އަށް ވޯޓުގެ 45 ނޫނީ 44 އިންސައްތަ ލިބޭނެ ކަމަށް ބެލެވެ އެވެ. މިއީ މިދިޔަ ޖޫންމަހުގެ އިންތިޚާބުގައި ޖަސްޓިސްޕާޓީއަށް ލިބުނު ވޯޓުގެ ނިސްބަތަށްވުރެ އިތުރު މިންވަރެކެވެ. ނަމަވެސް މިވަރުން ޖަސްޓިސްޕާޓީއަށް ތުރުކީގެ ޕާލަމެންޓްގެ އަޣްލަބިއްޔަތެއް ނުލިބޭނެ އެވެ. ތުރުކީއަށް މިހާރު ކުރިމަތިވެފައިވާ ހައްސާސީ މަރްހަލާގައި ގައުމު ހިންގޭ ފަދަ ހަރުދަނާ ސަރުކާރެއް އެކުލަވާލެވޭ ވަރުގެ ޕާޓީއެއް ޖަސްޓިސްޕާޓީ ފިޔަވައި މިހާރު އެގައުމުގައި ނެތް ކަމަށް ރައްޔިތުންގެ ގިނަ ބަޔަކު ދެކޭކަންވެސް ޚިޔާލު ހޯދުމުގެ ސާވޭއިން ހާމަވެފައިވެ އެވެ. އެހެންކަމުން ޖަސްޓިސްޕާޓީ އަށް ކުރިން ވޯޓު ނުދޭ މީހުން ވެސް ގައުމުގެ މަސްލަހަތަށް ޓަކައި މިފަހަރުގެ އިންތިޚާބުގައި ވޯޓު ދޭނެކަމަށްވަނީ ބެލެވިފަ އެވެ. (އަނަތޯލިޔާ ނޫސްއެޖެންސީ)