ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލް ޤައްޔޫމު ދަތުރުކުރެއްވި ރިޔާސީ ލޯންޗްގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ހިނގި ހާދިސާގެ ފޮރެންސިކް ތަހުގީގުގައި ބައިވެރިވުމަށް ފަހު އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސް (އެފްބީއައި) އިން އެކުލަވާލާފައިވާ ރިޕޯޓްގައި ލޯންޗުގައި އެއްޗެއް ގޮއްވާލިކަން ޔަގީން ނުވިއަސް، ލަންކާގެ ފޮރެންސިކް ޓީމާއި ސައުދީގެ ޓީމުގެ ރިޕޯޓުން އާރުޑީއެކްސް ހިމެނޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީގެ ރަސްމީ ޓުވިޓާ އެކައުންޓުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ސައުދީ އަރަބިއްޔާ މީހުންނަށް އާރްޑީއެކްސް ފެނިފައިވާ އިރު، ގޮއްވާލާފައި ވަނީ އައިއީޑީއެއް ކަމަށް ސްރީލަންކާ ޓީމުން ގަބޫލުކުރާ ކަމަށެވެ. އޭގެ ކުރިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ ރިޔާސީ ލޯންޗްގައި ގޮވި ގޮވުމުގައި ގޮވާތަކެތި ބޭނުންކޮށްފައިވާ ކަން ސައުދީ އަރަބިއްޔާގެ ފޮރެންސިކް ޓީމުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

ރިޔާސީ ލޯންޗްގައި ހިނގި ހާދިސާގައި ގޮވާ އެއްޗެއް ބޭނުންކޮށްފައިވާ ކަމަށް ޔަގީންކަމާ އެކު ބުނެވޭ ވަރުގެ ހެކި ލިބިފައި ނުވާ ކަމަށް އެފްބީއައި އިން ރޭ ވަނީ ބުނެފަ އެވެ.

"...ބޯޓްގައި ގޮވާފައި ވަނީ އައިއީޑީއެއް ކަމަށް ނިންމޭ ވަރުގެ ހެއްކެއް ނެތް،" އެފްބީއައިގެ ތަރުޖަމާނަކު ބުނި ކަމަށް ނޫހުގައިވެ އެވެ.