01 Nov 2015, 12:47
އޮކްޓޯބަރު މަހު ސްރީ ލަންކާގެ ކަނޑުން ހުއްދަ ދީފައިވާ ވަރަށް ވުރެ ގިނަ ހަތިޔާރާ އެކު ހައްޔަރުކުރި އަވަންޓް ގާޑް ފުލޯޓިން އާމަރީ ރާއްޖެ އާއި މަލިކުގެ ކައިރިން ދަތުރުކޮށްފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށް ސްރީ ލަންކާގެ ޑިފެންސް މިނިސްޓުރީން ބުނެފި އެވެ.
ބައިނަލްއަގުވާމީ މެރިޓައިމް ގާނޫނުތަކާ ޚިލާފަށް ރެޑް ސީ އިން ސްރީ ލަންކާގެ ކަނޑަށް ވަނުމުން އަތުލައިގަތް "އަވަންޓް ގާޑު" ބޯޓުން ހަތިޔާރު ފެނުނު ކަމަށާއި އަދި އެ ހަތިޔާރަކީ ރަޖިސްޓްރީ ކޮށްފައި ނުވާ ހަތިޔާރު ކަމަށް ލަންކާގެ އިިކޮނަމީ ނެކްސްޓުން ބުންޏެވެ.
އަދި މިހާތަނަށް ކޮށްފައިވާ ތަހުގީގުތަކަށް ފަހު ބެލެވެނީ އެ އުޅަނދަކީ ގާނޫނާ ޚިލާފަށް ހަތިޔާރުގެ ވިޔަފާރި ކުރާ އުޅަނދެއް ކަމަށެވެ.
އަވަންޓް ގާޑް އަކީ ލަންކާ ސިފައިންގެ ރިޓަޔާޑް މޭޖައެއް ކަމަށްވާ ނިސާންކަ ސެނަދިޕަތީގެ ކުންފުންޏެއްގެ އުޅަނދެކެވެ.
ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ތުހުމަތުގައި މިދިޔަ މާޗު މަހު 11 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓާ ކާނަލް (ރޓޑ) މުހައްމަދު ނާޒިމް މިނިސްޓަރު ކަމުގައި ހުންނެވި އިރު ސެނަދިޕަތީ އަކީ ނާޒިމްގެ އިންޓަނޭޝަނަލް މެރިޓައިމް އެޑްވައިޒަރު ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
މީގެ އިތުރުން އެ އާގު ބޯޓު ގިނަ އަދަދެއްގެ ހަނގުރާމައިގެ ހަތިޔާރާ އެކު ރާއްޖެ ކައިރިން ދަތުރުކޮށްފައި ވަނީ ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީންގެ ލޯންޗު ކޮޅުގައި އެއްޗެއް ގޮވައި އެ ހާދިސާ ތަހުގީގު ކުރަމުންދާ ދުވަސްވަރެއްގަ އެވެ. އެ ހަމަލާގެ ތަހުގީގަށް ޓަކައި ނައިބު ރައީސް އަހުމަދު އަދީބު ވަނީ ހައްޔަރު ކޮށްފަ އެވެ.