01 Nov 2015, 10:24
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުމާ ގުޅިގެން ފުލުހުން ކުރަމުން އަންނަ ތަހުގީގު އަވަސް ކުރުމަށް ކުރެވެން ހުރި މަސައްކަތެއް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ރިލްވާން ހޯދުމުގެ މަސައްކަތަކީ ފުލުހުން ހުއްޓުމެއް ނެތި ކުރަމުން އަންނަ މަސައްކަތެއް ކަމަށާއި ތަހުގީގު ވީހާ ވެސް އަވަސްކުރުމަށް މަސައްކަތް ކުރާ ކަމަށެވެ.
"ރިލުވާނު ގެއްލުނު މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް ކުރެވެން ހުރި މަސައްކަތެއް މި އަންނަނީ ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުނު މައްސަލައިގެ ހަގީގަތް ހޯދައިދޭނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ވިދާޅުވެފަ އެވެ.
ރިލްވާނުގެ މަންމަ އާއި އާއިލާގެ މެމްބަރުންނާއި ހަ ވަނަ ފަހަރަށް ބައްދަލުކުރެއްވުމަށް ފަހު އުމަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެމައްސަލާގެ ހަގީގަތް ހޯދައިދޭނެ ކަމުގެ ޔަގީން ކަން ސަރުކާރުގެ ފަރާތުން ރިލްވާންގެ އާއިލާއަށްދީފައިވާނެ ކަމަށެވެ.
އުމަރު ވިދާޅުވީ ރިލްވާން ގެއްލުމުގެ ހަގީގަތް ހޯދުމަށް ނުފޮރުޅާނެ އެންމެ ގަލެއްވެސް ނުބާއްވާނެ ކަމަށެވެ.
ރިލްވާން ގެއްލުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ އަށްވަނަ ދުވަހު އެވެ. ރިލްވާން އެންމެ ފަހުން ފެނިފައި ވަނީ އެ ދުވަހުގެ ރޭ ހުޅުމާލޭ ފެރީ ޓާމިނަލަށް ވަންނަނިކޮށެވެ.
އޭނާ ގެއްލުނު ކަމަށް ބެލެވެނީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބޮލްކް ކައިރިން ރޭގަނޑު ދަންވަރުގެ ވަގުތެއްގަ އެވެ.